ޚަބަރު

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް


  • ޕްރޮގްރާމްގެ ބައިވެރިން ޅ. މާފިލާފުށީގައި 3 މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން ޅ.މާފިލާފުއްޓަށް ފުރައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ މިޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން، ޅ. މާފިލާފުށީގައި 3 މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ ބަޔަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ބާއްވާފައިވަނީ، މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫގެ އިތުރުން، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ.