ޔަމަނުގެ ޙޫޘީންނަށް އަމާޒުކޮށް ޔަހޫދީން އެ ޤައުމުގެ އަލް-ޙުދައިދާގެ ބަނދަރު ސަރަޙައްދަށް ވަރުގަދަ ޙަމަލާއެއް ދީފިއެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވެއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެއެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.
ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު ޔަހޫދީން އަލް-ޙުދައިދާގެ ބަނދަރަށް ޙަމަލާ ދީފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ޔަމަނަށް ދިން ޙަމަލާތަކެއްގައި ޙޫޘީންގެ އިސްވެރިންތަކެއް ޝަހީދުކޮށްލާފައި ވަނިކޮށެވެ. ޔަހޫދީން އެ ބަނދަރަށް 12 ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ މީގެ ކުރިން ޔަހޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ގެއްލުން ލިބުނު، ނަމަވެސް މިހާރު އަލުން މަރާމާތުކޮށްފައިވާ ތިން ސަރަޙައްދަކަށެވެ.
ޙޫޘީންގެ އަސްކަރީ ތަރުޖަމާނު، ޔަޙްޔާ ސަރީ ވިދާޅުވީ ޔަމަނުގެ ވައިގެ ދިފާޢުއިން ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ފައްސާލައިފައިވާ ކަމަށެވެ.