ތަރައްްޤީ

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ


ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިއަންނަ މަހުގެ ނިޔަލަށް 25 ސީސީޓީވީ ކެމެރާ އިންސްޓޯލްކޮށް، އެ ކެމެރާތައް އޮޕަރޭޓްކުރަން ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ހާމަކޮށްފިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ފުލުހުންނާއި ގުޅިގެން ހިންގާ މަޝްރޫޢެއްކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިންސްޓޯލްކުރުމަށް ހަމަޖެހިފައިވާ 25 ކެމެރާއަށް މިހާރު އޯޑަރކޮށްފައިވާ ކަމަށެވެ.

އެޗް.ޑީ.ސީއަކީ އަމިއްލަ ނެޓްވޯކެއް ބޭނުންކުރާ ކުންފުންޏަކަށް ނުވެފައި، މި މަސައްކަތްކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވިކަން ފާހަގަކުރައްވަމުން ސައިމަން ވިދާޅުވީ، އެކަން ޙައްލުކުރުމަށްޓަކައި އުރީދޫ މެދުވެރިކޮށް ފުލުހުންނާއި ނެޓްވޯކް ޙިއްޞާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކެމެރާތައް އިންސްޓޯލްކޮށް، އެތަކެތީގެ ފީޑް ނުވަތަ ވީޑިއޯ ފުޓޭޗް ފުލުހުންނާ ޙިއްޞާކުރަން ފެށޭނެކަމަށްވެސް ސައިމަން ވިދާޅުވިއެވެ.

"ސޯޝަލް ކަމެއްގައި، ނުވަތަ ކޮމިއުނިޓީ ލެވެލްގެ ކަމެއްގައި ކޮމާރޝަލީ ބޮޑު އެކްޓިވިޓީއަކަށް މިކަމެއް ނުވާނެ. އެހެންވީމަ އޭގެ އެންމެ ފަސޭހަގޮތަކީ ކޮބާތޯ ބަލާފައި، ނެޓްވޯކް ޝެއަރކުރުމުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކަށް އުރީދޫއިން މިހާރު މިވަނީ ވަރަށް ފަސޭހަގޮތްތަކެއް ހައްދަވާދެއްވާފައި. އެސޮލިއުޝަން މިހާރު ލިބިއްޖެ. ދެން އޮތީ ކެމެރާ އިންސްޓޯލްކޮށް ފުލުހުންނަށް އެ އެއްޗެހީގެ ފީޑް ނުވަތަ ވީޑިއޯ ފުޓޭޖަށް އެކްސެސްވެވޭނެ ގޮތް ހެއްދެވުން. އެ މަސައްކަތް އެންމެ ލަސްވެގެން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

މީގެ އިތުރުން ސައިމަން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މި އަންނަ އަހަރުވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުގައި ކެމެރާ އިންސްޓޯލްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.