ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޤަތަރުގެ އަމީރާ ބައްދަލުކުރައްވައިފި


  • ފަލަސްތީނަށް އެހީވުމަށް ޤަޠަރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވި

  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްރާއިލުން ޤަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވާ، މި ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެފައެވެ. އަދި ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށާއި އެ ސަރަޙައްދުގައި ސުލްޙަވެރިކަން ޤާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ، ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ޤަތަރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވާފައެވެ. އަދި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޤަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޤަޠަރުން ރާއްޖެއަށް މިހާރުވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުސްލިމު ދަޢުލަތްތަކުގެ މެދުގައި އެއްބައިވަންތަކަން އޮތުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވާނެއެވެ.

މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ޤަޠަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރުދެއެވެ.

މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.