ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިގޮތަށް ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޟާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވަވާ ޖަލްސާގައި ކަމަށްވާތީއާއި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށްވާތީކަމަށެވެ.
ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވާފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފައްދަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޙާފިޡުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ވަނީ ބޮޑުކުރައްވާފައެވެ. މީގެއިތުރުން ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް، ޙާފިޡުންނަށް ޤައުމީ އިނާމް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.