މިއަހަރުގެ މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ބެޗަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ލަރނިން ޕާތްވޭތަކެއް ތަޢާރަފުކުރެވި ފަށާ ބެޗުކަމަށާއި މިއީ ވަރަށް ތާރީޚީ އަހަރެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ލަރނިން ޕާތްވޭ ބެހިފަވަނީ ދެ ބަޔަކަށެވެ. އެއީ، އެކަޑަމިކް ބަޔާއި މިއަހަރު މުޅިން އަލަށް ކީ ސްޓޭޖް 5ގައި ފަށާ ވޮކޭޝަނަލް ތަޢުލީމުގެ ބައެވެ.
މީގެތެރެއިން އިއްޔެ ފަށާފަވަނީ އެކަޑަމިކް ޕާތްވޭގެ ބެޗުގެ ކިޔެވުމެވެ. ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ، މަތީ ސާނަވީގައި ޓިވެޓް އަދި ވޮކޭޝަނަލް ޕާތްވޭ ހިމެނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މިއީ މަތީ ސާނަވީ ފެންވަރުގައި ވަޒީފާއާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮދޭ މަރުހަލާއެކެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މަތީ ސާނަވީ މަރުހަލާ ނިމޭއިރު، ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައެޅި، އެކުދިންނަކީ ވަޒީފާގެ މާހައުލަށް ތައްޔާރުވެ ތިބި ދަރިވަރުންތަކަކަށް ހެދުންކަމަށެވެ. ވޮކޭޝަނަލް ޕާތްވޭގައި އެކިކަހަލަ ކޯސްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގާނެއެވެ.
"މީގެތެރޭގައި މި ހިމެނެނީ ސްކޫލްތަކުގައ ހިންގާ ޓެކްނިކަލް ވޮކޭޝަނަލް، އަދި ވަޒީފާގެ މާޙައުލުގައި ހިންގާ ވޯކް ބޭސްޑް ޓިވެޓް ޕްރޮގްރާމެއް. މި މަރުހަލާގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދެން ހުޅުވާލާނީ. މިސާލަކަށް ޓޫރިޒަމް އަދި ކޮންސްޓްރަކްޝަން ދާއިރާގެ ޕްރޮގްރާމްތައް ހިމެނޭނެ. އެހެންވީމަ މަތީ ސާނަވީ ނިންމާއިރު، ކޮލެޖް ޔުނިވަރސިޓީތަކުގެ މަތީ ފެންވަރުގެ ކޯސްތަކަށް ވަދެވޭވަރަށް ތަމްރީން ދެވޭނެ." ތަޢުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ދަރިވަރުންނަށް މަތީ ސާނަވީގެ މުހިންމުކަން ކިޔައިދީ، މަތީ ސާނަވީ ފުރިހަމަކުރުމަށް ބާރުއެޅުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މި މަރުހަލާގައި ފަހިކޮށްދޭ ފުރުޞަތުތަކުގެ ސަބަބުން، ޤައުމަށް ބޭނުންތެރި ދާއިރާތަކުން ޚިދުމަތްކުރާނެ އެތައް ދަރިންތަކެއް އުފެއްދޭނެކަމަށެވެ. މިއީ ޒުވާނުން މަސައްކަތެއް ދަސްނުވެ މަގުތަކަށް ދޫވާ ދޫވުމަށް، ޙައްލު ހޯދޭނެ ވަރަށް މުހިންމު ފުރުޞަތަކަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ ވޮކޭޝަނަލް ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މިއަހަރު މަތީ ސާނަވީގެ އެކަޑެމިކް ޕާތްވޭގައި، 3200އެއްހާ ދަރިވަރުން ވަނީ ކިޔެވުން ފަށާފައެވެ. އަދި މުޅިން އަލަށް 13 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވަދޭން ފަށާފައިވެއެވެ. މި މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް، %32އިން %49އަށް މިއަހަރު ވަނީ އިތުރުކުރެވިފައެވެ. މިއީ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަން އަދި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަ ކަމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.