ޚަބަރު

ސީއެސްސީގެ ރައީސަކަށް މުޖުތާޒް ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގް


  • މައްސަލަތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. ނާސިހު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ. ނަމަވެސް މަގާމުގެ މުއްދަތު ހަމަވުމުން ރައީސް ވަނީ ކޮމިޝަނަށް އޭނާ އަލުން އައްޔަން ކުރައްވާފައެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތައް ދިރާސާ ކުރުމަށްޓަކައި އެކަމާ ގުޅުންހުރި ކޮމިޓީތަކަށް ވަނީ ފޮނުވާފައެވެ. އެގޮތުން ސީއެސްސީގެ ރައީސާއި ނައިބު އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު އެޗްއާރުސީއެމްގެ ނައިބު އައްޔަންކުރެއްްވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.