ތަރައްްޤީ

ފުވައްމުލަކު ހައުސިން ޔުނިޓްތައް މިއަހަރުތެރޭ ޙަވާލުކުރެވޭނެ


ފުވައްމުލަކުގައި ސަރުކާރުން އަޅުއްވާ ހައުސިން ޔުނިޓްތަކަށް އެދި ހުށައަޅާ ފަރާތްތަކާ މިއަހަރު ނިމުމުގެ ކުރިން އެ ޔުނިޓްތައް ޙަވާލުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ. ހައުސިންގ ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައްވާފައިވާ ކަމަށް ފުވައްމުލަކު އަތޮޅު އެކައުންސިލުން ވިދާޅުވެއެވެ.

ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 150 ފްލެޓް ޚާއްޞަ ކުރައްވާފައިވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އަދި ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް 20 ފްލެޓެއް ޙާއްސަ ކުރައްވާފައިވާއިރު، ބާކީ ފުލެޓްތަކަކީ ސަރުކާރުން ހިންގަވާ ރިއަލް އެސްޓޭޓް ނުވަތަ ގެދޮރުވެރިކަމުގެ ވިޔަފާރި އުޞޫލުގެ ދަށުން ވިއްކެވުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކެކެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕުރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތް ކުރައްވަމުން ގެންދަވާ ހައުސިން ޔުނިޓްތަކަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައްވާފައިވެއެވެ. img:http://s2.psmnews.mv/images/660x400/14639035403712.jpg|ފުވައްމުލައް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ފުވައްމުލަކުގެ ދެ އަވަށެއްގައި ޢިމާރާތްކުރައްވާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެމްއޭސީއާއެވެ. ހައުސިންގ ޔުނިޓްތައް ޢިމާރާތް ކުރަމުންދަނީ ދިގުވާޑާއި ދަނޑިމަގު އަވަށުގައެވެ. މި ހައުސިންގ ޔުނިޓްތަކަށް އެދި ހާހަކަށްވުރެ ގިނަ ފޯމް ދޫކުރައްވާފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަޙުމަދު މުޙައްމަދު ވިދާޅުވީ، އެ ކައުންސިލަށް ހުށައަޅާ ފޯމްތަކަށް ބައްލަވައި، ފުލެޓް ލިބޭ ފަރާތްތައް ކަނޑައަޅުއްވާނީ ހައުސިންގ މިނިސްޓްރީއިން ކަމުގައެވެ. 

"މިހާރު މަސައްކަތް ކުރިއަށްދާގޮތުން މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ނިމި، ފުލެޓް ލިބޭ ފަރާތްތަކާއި ހަވާލުކުރެވޭނެކަމަށް އުންމީދު ކުރަން." ފުވައްމުލަކު ކައުންސިލްގެ ޑިރެކްޓަރ އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރީން ވިދާޅުވީ، ފްލެޓްތައް ނިމެމުންދާ ވަރަކަށް ޙަވާލުކުރަމުން ގެންދަވާނެ ކަމަށެވެ. މި ފުލެޓްތަކަށް އެދޭ ފޯމް އެކައުންސިލް އިދާރާއިންނާއި ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފުވައްމުލަކު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. މި ހައުސިންގ ޔުނިޓްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.