މަތީ ސާނަަވީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހިކޮށްދީ، އޭލެވެލް ކިޔަވަން ބާރުއެޅުމަކީ އަދުގެ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދޭ ކަމެކެވެ. އެގޮތުން މިއަހަރު މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފަށައި ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރެއްވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ އަމިއްލަ ރަށުގައި ތިބެގެން އޭލެވެލްއަށް ކިޔެވޭނެ މަގު ފަހިކޮށްދެއްވުމެވެ. މިކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވަނީ ހއ. އަތޮޅު ސްކޫލްގައި އަލުން މަތީ ސާނަވީ ތަޢުލީމު ކިޔަވައިދޭން ފެށުމާއެކު އަމިއްލަ ރަށުގައި ޢާއިލާއާއެކު ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދިޔަކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންނަށް ލިބޭ ބޮޑު ލުޔެއްކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވަނީ ހއ. އަތޮޅު ސްކޫލްގައި މަތީ ސާނަވީ ތަޢުލީމު ކިޔަވައިދެވުމުގެ މަގު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
ހއ. ހޯރަފުށީގައި ހުންނަ އެއަތޮޅު ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައި މިވަނީ 3 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެ ސްކޫލްގައި 400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންގެދާއިރު، 50 އަށްވުރެ ގިނަ މުދައްރިސުން މަސައްކަތްކުރައްވައެވެ. އޭލެވެލްގައި ސައިންސް އަދި ބިޒްނަސް ސްޓްރީމް ކިޔަވައިދެއެވެ.
މަތީ ސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުޞަތުތަކެއް މި އަހަރު ވަނީ ފަހިކޮށްދީފައެވެ. ހޭލުންތެރިކަން އިތުރުކުރުމަށާއި ޖާގަ ތަނަވަސްކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކާއެކު ސާނަވީ ތަޢުލީމު ނިންމި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މިއަހަރު މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފަށާފައެވެ.
އެގޮތުން 2023ވަނަ އަހަރު، އޯލެވެލް ނިންމާ %32ވަރަކަށް ކުރިން އޭލެވެލްއަށް ކިޔަވަން ފެށިއިރު، މިއަހަރު %49 ދަރިވަރުން ވަނީ އޭލެވެލްއަށް ކިޔަވަން ފަށާފައެވެ. ހއ. އަތޮޅު ސްކޫލްގެ އިތުރުން މިއަހަރު މުޅިން އަލަށް ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތަކުގައި މަތީ ސާނަވީއަށް ކިޔަވަން ފަށާފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަލަށް 13 ސްކޫލެއްގައި އޭލެވެލްއަށް ވަނީ ކިޔަވައިދޭން ފަށާފައެވެ.