ޚަބަރު

ކުޅިވަރު އިދާރާތައް ހިންގާ ވެރިންނަށްދޭ މަތީ ފާހެއް ތަމޫހަށް


އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން ގަބޫލުކުރާ މަތީފަންތީގެ ޕްރޮގުރާމެއް ކަމަށްވާ މެމޯސް (އެގްޒެކުޓިވް މާސްޓަރސް އިން ސްޕޯޓްސް އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް) ޕްރޮގުރާމް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ފުރިހަމަކޮށްފިއެވެ.

މިއީ ޔުނިވަސިޓީ އޮފް އޮޓާވާ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު އިދާރާތަކުގެ އިސްވެރިންގެ މެނޭޖްމެންޓާއި ލީޑަރޝިޕް ސްކިލްސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމް މެމޯސް އަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޕްރޮގްރާމެކެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އޭނާ ކުރައްވާ މަސައްކަތަށް އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ކުޅިވަރުގެ ތަރައްޤީއަށް ލިބިގެންދާ އަގުހުރި ކާމީޔާބީއެއް ކަމަށް އެމްއޯސީން ބުންޏެވެ. އެމްއޯސީ އިން ވަނީ ތަމޫހްގެ މި ކާމިޔާބީ ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.

ކުޅިވަރުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަމޫހް އަންނަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފެންވަރުމަތިކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އެންމެ ފުރަތަމަ އެމްއޯސީގެ އެސްޖީގެ މަގާމަށް ތަމޫހް އައްޔަންކުރީ 12 ޖުލައި 2021 ގައެވެ. ތަމޫހު ވަނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

‎މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ސެކްރެޓަރީ ޖެމެރަލްގެ މަގާމު 2009 ން 2011 އާއި ހަމައަށް އަދާކުރި ތަމޫހް ވަނީ މދިޔަ ދައުރުގައިވެސް އެމްއޯސީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައެވެ.

އޭނާއަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ. އަދި އެކިފަހަރު މަތިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.