ޚަބަރު

ގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ޚިދުމަތް ޤާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެން


  • މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން

  • ޚިދުމަތްތައް ޤާއިމުކުރާނީ 5 މިނެޓުން ހިނގާފައި ދެވޭ ކައިރިމިނުގައި

ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާ އަދި ކޮމާޝަލް ޚިދުމަތްތައްވެސް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތްތައް ފްލެޓްތަކުގައި ޤާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން 32 ޓަވަރު އަންނަނީ ތަރައްޤީކުރަމުންނެވެ. އެއީ އަމާން ދޯދީގެ 16 ޓަވަރާ، އަމާން އުދަރެސްގެ 16 ޓަވަރެވެ. މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތުގެދަށުން،
4000ފްލެޓްގެތެރެއިން 3000އަށްވުރެ ގިނަ ޔުނިޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.

އެފްޑީސީން މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، ފްލެޓްތަކަށް މީހުން ބަދަލުވާއިރު، އެތަނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާ ކޮމާޝަލް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމެވެ.

އެފްޑީސީން ވިދާޅުވީ ކުނި އުކާލުމަށް ޚާއްސަކޮށްފަވާ ގާބެޖް ރޫމެއް ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ފަންގިފިލާގައި ހުންނާނެކަމަށެވެ. އަދި ކޮންމެ ޓަވަރެއްގައިވެސް އެންމެ ތިރީގައި ސެކިއުރިޓީ ބެލެހެއްޓުމާއި ޓަވަރުތަކުގެ އާއްމު ސަރަޙައްދުތައް ކޮންމެ ދުވަހަކު ޤަވައިދުން ސާފުކުރަމުންދާނެކަމަށެވެ.

ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި ރީޓެއިލް ފިހާރަތައް އަދި ސުޕަރމާކެޓް ހުންނާނެއެވެ. އަދި އެހެނިހެން ޚިދުމަތްތައް ފެއްޓުމަށްޓަކާ ކޮމާޝަލް ޔުނިޓްތައް ދޫކުރުމަށް މަޝްވަރާކުރަމުންދާކަމަށް އެފްޑީސީން ވިދާޅުވެއެވެ. 5 މިނެޓުތެރޭގައި ހިނގާފަދެވޭނެ ދުރުމިނުގައި އާއްމު ތަކެތި ގަތުމަށް ގްރޮސަރީ އަދި ކޮންވީނިއަންސް ފިހާރަތައް ޤާއިމުކުރާނެއެވެ.

ކޮންމެ ސަރަޙައްދަކަށްވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރާނެއެވެ. 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތައް ޤާއިމުކުރާނެއެވެ. އަދި ކެފޭ، ރެސްޓޯރަންޓް އަދި ބޭކިން ޚިދުމަތަށް ޚާއްސަކޮށްފަވާ ޔުނިޓްތައް ހިމެނުމަށް ހަމަޖެހިފަވާކަމަށް އެފްޑީސީން ވިދާޅުވިއެވެ. މީގެއިރުން ކޮންމެ 10 މިނެޓަކުން ހިނގާފަދެވޭ ދުރުމިނުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާ، ފާމަސީ، ވެލްނެސް ސެންޓަރުތައް ހުންނާނެއެވެ.

މި 32 ޓަވަރުގައި ކޮމާޝަލް ޚިދުމަތްތައް ޤާއިމުކޮށްފަ ހުންނާނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެހެންކަމުން މި ސަރަޙައްދުގައި މީހުން އާބާދުވަމުންދާއިރު ޒަމާނީ މިންގަނޑުތަކަށް ފެތޭގޮތަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެފްޑީސީގެ އާޒުކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވެއެވެ.