ތިމާވެށި

ކޯލް އެންޑް ޕިކް-އަޕް ސަރވިސް ތަޢާރަފްކޮށްފި


މާލެއަކީ ސާފުތާހިރު ތަނަކަށް ހައްދަވައި، މާލޭގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި، ނައްތާލައްވައި އަދި ކުދި އުކާލުމުގައި ޢާންމު ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެތެރެއިން މުހިންމު ކުރިއެރުންތަކެއް މިއަހަރު ހޯއްދެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މިކަމަށް މަގުފަހުކުރެއްވުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް ސަރުކާރުން ވަނީ އުފައްދަވާފައެވެ. އަދި އެ ކުންފުންޏަށް މިކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން އަންނަނީ ދެއްވަމުންނެވެ. ވެމްކޯގެ އެންމެ މައިގަނޑު މަސްއޫލިއްޔަތަކީ މާލޭ ސަރަޙައްދުގެ ކުނިމެނޭޖްކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން މިއަދު މިވަނީ ކޯލް އެންޑް ޕިކަޕް ސަރވިސްގެ ނަމުގައި ޚިދުމަތެއް އެކުންފުނިން ތަޢާރުފްކޮށްފައެވެ. 

tw:https://twitter.com/WAMCOmv/status/764756737383538689

މި ޚިދުމަތަކީ، މާލޭގެ ގޭގެއިން އުކާލަންޖެހޭ ކުނިވާޒާތުގެ ކުނި ފިޔަވައި އެހެން ބާވަތްބާވަތުގެ ކުނިއުކާލުމަށް ތައާރަފްކުރި ޚިދުމަތެކެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މެންދުރު ދޭކުން ރޭގަނޑު ދިހައަކަށް މި ޚިދުމަށް ބޭނުންވާ ފަރާތަކުން ވެމްކޯގެ ކޯލް ސެންޓަރ 1666 އާ ގުޅުމުން ޚިދުމަށް ލިބިގެންދާނެއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ، ކުނި އުފުލަން ޚާއްޞަކޮށްފައިވާ 2 ޕިކަޕް ބޭނުންކޮށްގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މިއަދު މި ޚިދުމަތް ފެށިނަމަވެސް ޑިމާންޑަށް ބެއްލެވުމަށްފަހު، ޚިދުމަތްދޭ ގަޑިއާއި، ވަޞީލަތްތައްވެސް އިތުރުކުރައްވާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14711687629265.jpg|ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ވެމްކޯ

"ޕައިލެޓްކުރަނީ ދެ ސަބަބަކަށް.. އެއީ ޚިދުމަތް ދޭން ބޭނުންކުރާ ވެހިކަލް އަދި ޓައިމްވެސް ލިމިޓެޑް.. ޕައިލެޓްގައި ޑިމާންޑް އޮތްކަމަށް ފާހަގަކުރެވޭނަމަ އަޅުގަނޑުމެން މިތިބީ އިންވެސްޓްކޮށްގެން މިކަމަށް ބޭނުންވާ ކަންކަން ކުރަން.. މިހާރުވެސް ބިޑިންގ ޕްރޮސެސްގައި ވެހިކަލްތައްވާކަން ފާހަގަކުރަން. މިއަހަރު ފަހުކޮޅު ހުރިހާ އެއްޗެއް މާލެ އައިސް މިހާރު މިފަށްޓާ ޚިދުމަތާ ކަލެކްޝަން ސަރވިސް ފުޅާދާއިރާއެއްގައި ކުރެވިދާނެކަމުގެ އުންމީދުގައި މިތިބީ" ފުވާދު ވިދާޅުވިއެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކޯލް އެންޑް ޕިކަޕް ސަރވިސް އިފްތިތާޙްކޮށްދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުންޏަކީ އެންމެންގެ ޞިއްޙަތާ ގުޅިފައިވާ ކަމަކަށްވުމުން، މިކަމުގައި ފަރުދީ ޒިންމާވެސް އެބައޮތްކަމަށެވެ. އަދި މިއަދު ތަޢާރަފްކުރި ޚިދުމަތަކީ، ރައްޔިތުންނަށް ހެޔޮއަގެއްގައި ފޯރުކޮށްދެވޭނެ ޚިދުމަތެއްކަމަށެވެ. ވޭސްޓް ކަލެކްޝަން ސެންޓަރުގެ މާލޭގެ ކުނިމެނޭޖް ކުރެއްވުމަށް ހައްދަވާ ވޭސްޓް ކަލެކްޝަން ސެންޓަރުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14711687092632.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ވެމްކޯ

"ދެ ޕިކަޕެއް ޢައްޔަން ކުރެވިފައި، މި ޕިކަޕްތައް ވަނީ ވޭސްޓް މެނޭޖްމެންޓް ރެގިއުލޭޝަންގައިވާ ގޮތަށް މޮޑިފައިކޮށްފައި. އަގުތަކަކީ، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅުއްވާފައިވާ އަގުތަކަށް ބިނާކޮށްފައިވާ އަގުތަކެއް. އެހެންކަމުން މާލޭގައި މިހާރު ކުނި އުކާލުމުގައި ގެންގުޅޭ އަގުތަކަށްވުރެ ތިރީސް އިންސައްތަ ތިރި އަގެއް" މިނިސްޓަރ ވިދާޅުވިއެވެ. 

ކޯލް އެންޑް ޕިކަޕް ސަރވިސްގައި މިހާރު ބޭނުންކުރަނީ 350 ކިލޯގެ ޕިކަޕަކާއި، 1.5 ޓަނުގެ ޕިކަޕެކެވެ. 350 ކިލޯގެ ޕިކަޕްގެ ކުނި އުފުލާ އަގަކީ، 250 ރުފިޔާ އަދި 1.5 ޓަން ގެ ޕިކަޕްގެ ކުނި އުފުލާ އަގަކީ 550 ރުފިޔާއެވެ.