ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ބްލޮކް ގްރާންޓް ދޭން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވާ، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމެވި ނިންމެވުމަށް އުފާކޮށް މަރުޙަބާ ދަންނަވާކަމަށެވެ.
މި ނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް 1/4 https://t.co/SxPGfBfcne
— Supreme Court of the Maldives (@SCMaldives) September 11, 2025
ރައީސްގެ މި ނިންމެވުން ހިމެނިގެންދާނީ ޖުޑީޝަރީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީޚީ މުހިންމު ނިންމެވުމެއް ކަމުގައި ދެކޭކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ. އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އެ ކޯޓުން ވަނީ ވިދާޅުވެފައެވެ.
މި ގްރާންޓް އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުގައި ހިމަނުއްވައިދޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.