ދުނިޔެ

ޗައިނާއިން އިންޑިޔާއާއެކު ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރަނީ


އިންޑިޔާއާއެކު ހުރިހާ ދާއިރާއަކުންވެސް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޗައިނާއިން ހާމަކޮށްފިއެވެ. 

ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ އިންޑިޔާ އާއި ޗައިނާ އާ ދެމެދު ބައެއް ޚިލާފްތައް ހުރިނަމަވެސް އެ ޚިލާފްތަކަށްވުރެ ދެޤައުމުގެ ގުޅިފައިވާ މަސްލަޙަތުތައް ބޮޑުކަމަށެވެ. އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ހޮނިހިރުދުވަހު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ނިއުދިއްލީ ގައި ބައްދަލުކުރައްވާފައެވެ. ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ދެޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުންތައް އިތުރަށް ފުޅާކޮށް ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރުމާ ބެހޭގޮތުންނެވެ. މީގެއިތުރުން ދެކުނު އޭޝިޔާ ސަރަހައްދުގެ ހަމަޖެހުމާއި އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށް ކުރަމުންގެންދާ މަސައްކަތްތަކާ އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/China-India-diplomacy.jpg|ޗައިނާގެ ޚާރިޖީ ވަޒީރު އާއި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ޝުޝްމާ - ފޮޓޯ: ޒިންގހުއާ ނިއުސް އެޖެންސީ

އިންޑިޔާ އާއި ޗައިނާއަކީ އަސްކަރީ ގޮތުން ބަލާއިރު އޭޝިޔާގައިވާ އެންމެ ބޮޑު ދެބާރެވެ. އިގްތިސާދީ ގޮތުން ބަލާއިރު ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިގްތިސާދީ ބާރުކަމަށްވާއިރު އިންޑިޔާއަކީވެސް ހަލުއިކަމާއެކު ކުރިއަރަމުން އަންނަ އުންމީދީ އިގްތިސާދެކެވެ. އިންޑިޔާ އާއި ޗައިނާއަކީ ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން ވާދަވެރި ދެގައުމެވެ. މީގެއިތުރުން ދެޤައުމު ގުޅިފައިވާ ސަރަހައްދީ ރޮނގުގައިވާ ބައެއް ބިންތަކުގެ މިލްކުވެރިކަމުގެ މައްސަލާގައި ދެގައުމުގެ ދެމެދުގައި ޒަމާންވީ މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް މި ވާދަވެރިކަމާއި ސަރަހައްދީ ރޮނގުގެ މައްސަލަތަކަށްވުރެ ދެގައުމުގެ ގުޅުންތައް ބަދަހިކުރުމުން ހާސިލް ކުރެވޭނެ ފައިދާތައް މާ ބޮޑުކަމަށް ދެގައުމުގެ މަސްއޫލުވެރިންވެސް ދެކެވަޑައިގަންނަވައެވެ.  

img:http://s4.psmnews.mv/images/660x400/14711537913292.jpg|އިންޑިޔާއާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރި

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާ ނިއުދިއްލީގައި ބައްދަލުކުރެއްވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ އިންޑިޔާއާއި ޗައިނާއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމާއި ރަހްމަތްތެރިކަމަށް އޭނާ ފަޚްރުވެރިވެ ވަޑައިގަންނަވާކަމަށެވެ. އަދި އިންޑިޔާއާއި ޗައިނާގެ ގުޅުންތަކާމެދު ދެކެވަޑައިގަންނަވަނީ ސްޓްރެޓީޖިކް ފެންވަރުގެ ގުޅުންތަކެއްގެ ގޮތުގައި ކަމަށާ އެއީ ކުރިއަރަމުން އަންނަ ގައުމުތަކަށް ނަމޫނާ ގުޅުންތަކެއްކަމަށްވެސް މޯދީ ސިފަކުރެއްވިއެވެ. މޯދީ އާ ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ އިންޑިޔާއާއި ޗައިނާގެ ގުޅުންތައް ބިނާވެފައިވަނީ ބައިނަލްއަގްވާމީ ސުލްހައާއި ސަރަހައްދީ ހަމަޖެހުމުގެ މައްޗަށް ކަމަށެވެ. މީގެއިތުރުން ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ސިޔާސީ ނިޒާމެއް ބައްޓަން ކުރުމަކީ ދެގައުމު ތާއީދުކުރާ ކަމެއްކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 

އިންޑިޔާއާއި ޗައިނާއަކީ ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ޖަމާއަތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ދެގައުމެވެ. މީގެތެރޭގައި "ޖީ ޓުވެންޓީ" އާއި ބްރިކްސް ޖަމާއަތް ހިމެނެއެވެ.