މީޑިއާތަކާ ގުޅޭގޮތުން މިހާރު މަޖިލީހަށް ހުށަހަޅުއްވާފައި ބިލާ ގުޅިގެން އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ތަފާތު ތުހުމަތުތައް ކުރަމުންނެވެ. މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް މަސައްކަތްކުރާ ކަމަށް ވާހަކަ ދެކެވެމުންދާއިރު، ސަރުކާރުން ވަނީ ބިލު ހުށަހެޅުމުން ހާމަކުރި ފަދައިން، ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ބޮޑެތި އިސްލާހުތަކެއް ބިލަށް ހުށަހަޅާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މީޑިއާ ކޮންޓްރޯލް ކުރަން ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ތުހުމަތުކުރެއެވެ.
ސަރުކާރުން ގަބޫލުކުރަނީ މީޑިއާތައް ފުރިހަމަ ގޮތުގައި ރެގިއުލޭޓް ކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް މިދިޔަ މަހު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަމިއްލަ މެންބަރަކު އެބަ އޮތް މީޑިއާއާ ބެހޭ ބިލެއް ހުށަހަޅާފައި، ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށްވާއިރު އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރު އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިނަމަވެސް އެމަނިކުފާނު އެ ބަދަލުތައް ނުގެންނަވައި މީޑިއާތައް ކޮންޓްރޯލް ކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދެވީ ތުހުމަތު ކުރަމުންނެވެ. އެ ތުހުމަތުތަކަށް ސަރުކާރުން މިހާރު ވަނީ ފުރިހަމަ ރައްދެއް ދެއްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވިދާޅުވިގޮތަށް، އެމަނިކުފާނުގެ އެއްވެސް ދައުރެއް މީޑިއާ ކޮމިޝަން އެކުލަވައިލުމުގައި ނޯންނަގޮތަށް މިހާރު ހުށަހަޅާފައިވާ ބިލަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ.
މީޑިއާ ބިލާ ގުޅޭގޮތުން މީޑިއާތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ އެކި ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި އަޑުއައްސަވާފައެވެ. އެ ކަންބޮޑުވުންތަކަށް ބަލައި ސަރުކާރަށް މިހާރު މަޖިލީހުގައި އޮތް ބިލަށް ހުށަހަޅަން ފެންނަ ކަމަށް 14 އިސްލާހެއް ހުށަހަޅުއްވާފައިވާއިރު އޭގެ ތެރޭގައި މެންބަރުން އައްޔަން ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެގޮތަށް އިސްލާހު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
ބިލުގައި މިހާރު އޮތްގޮތުން އެ ޤާނޫނުގެ ދަށުން އެކުލަވައިލާ 7 މެންބަރުންގެ ކޮމިޝަނަށް 3 މެންބަރުން އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކުގައި ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންނަމަވެސް ސަރުކާރުން ހުށަހެޅުއްވި އިސްލާހު އެ ބިލަށް ގެނައުމާއެކު މެންބަރުން އައްޔަން ކުރެއްވުމުގައި އެމަނިކުފާނުގެ އެއްވެސް ބާރެއް ނޯންނާނެއެވެ.
ބިލުގައި މިހާރު އޮތްގޮތުން ވަކި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާމެދު ކޮމިޝަނުން ފިޔަވަޅު އެޅޭނެގޮތަށް އޮތްއިރު މިއީވެސް ނޫސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އެކަމަށް ހައްލު ހޯދައިދެއްވައި ބިލުން އެ މާއްދަ އުނި ކުރެއްވުމަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. އަދި ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާވެސް އުނިކުރެއްވުމަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މީޑިއާތައް ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި މަންސަތަކުގައި ވިދާޅުވެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާތައް ހިމެނެއެވެ. އެ ބައްދަލުކުރެއްވުމުގައި މީޑިއާތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްވެސް ފައްޓަވާފައެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވެސް މިހާރު ވަނީ ފާސްކޮށްފައެވެ. އަދި މީޑިއާތަކަށް ހުރި ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް މީޑިއާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.