ގދ. ރަތަފަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ރަތަފަންދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަތަފަންދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ރަތަފަންދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.
2000 ވަނަ އަހަރު ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށިއިރު މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެއެވެ.