ޚަބަރު

ނޭޕާލު އާންމު ހާލަތަށް ރުޖޫޢަވަންދެން ޒަރޫރީ ނޫން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި


  • ކަތަމަންޑޫއަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާ

  • ނޭޕާލުގައި ތިބި ދިވެހީންގެ ހާލު ދަނީ ކައިރިން ބަލަމުން

ނޭޕާލު އާންމު ހާލަތަށް ރުޖޫޢަވަންދެން ޒަރޫރީ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެޤައުމުގައި ތިބި ދިވެހިން ނުކުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ނޭޕާލުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި ޚާރިޖީ ވުޒާރާއިންދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން، ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.

ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް އެ ވުޒާރާއިން އެރުވިއެވެ.

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާގުޅިގެން އެޤައުމުގައި ތިބި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+ ނުވަތަ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ.