ތަރައްްޤީ

ކާށިދޫގައި ސިޓީ ހޮޓަލެއް ބިނާކުރުމުގެ އެންމެފަހުގެ މަސައްކަތްތައް


ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މާލެއަތޮޅު ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް ބިނާކުރެއްވުމަށްޓަކައި އެންމެ ފަހުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކާށިދޫ ކައުސިލުން ހާމަކުރައްވައިފިއެވެ.

މާލެއަތޮޅުގެ އެންމެ ބޭރަށް ވަކި އޮންނަ ކާށިދޫއަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު އެއް ރަށެވެ. 2،300 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކާށިދޫއަކީ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. އެގޮތުން އެރަށުގައި އެންމެ ފުޅާ ގޮތެއްގައި ކުރަމުންދާ އެއް މަސައްކަތަކީ ދަނޑުވެރިކަމެވެ. ނަމަވެސް ކާށިދޫގެ ދަނޑުވެރިކަން ދަށަށް ގޮސް އާއްމު ރައްޔިތުންނަށް އާމްދަނީ ލިބުމުގެ މަގު ހަނިވެފައިވާތީ ކާށިދޫ ކައުންސިލުން މިހާރު އަމާޒު ހިފާފައިހުރީ ލޯކަލް ޓޫރިޒަމާއި ދިމާލަށެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމުގެ ހުއްދަ ސަރުކާރުގެ އިދާރާތަކުން މިހާރު ވަނީ ދެއްވާފައެވެ. ކާށިދޫ ކައުސިލުންގެ ރައީސް އީސާ ޚަލީލް ވިދާޅުވީ ސިޓީ ހޮޓަލުގެ ސަބަބުން ކާށިދޫގައި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

"ކާށިދޫއަކީ ދަނޑުވެރި ރަށެއް، މަސްވެރި ރަށެއް ނޫން. ދަނޑުވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ދަނޑުވެރިކަމަކުން ނުލިބޭ. އެހެންކަމުން ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ލޯކަލް ޓޫރިޒަމް ނޫންނަމަ ސިޓީ ހޮޓަލެއް ކާށިދޫގައި ޤާއިމްކުރުން. ޓޫރިޒަމްއަށް ހުޅުވާލައިގެން ނޫނީ ކާށިދޫ ރައްޔިތުންނަށް ކުރިއެރުމެއް ލިބޭކަށްނެތް. އެހެންކަމުން އެންމެ ބޮޑު މަސައްކަތެއް މިހާރު ކުރެވެނީ ޓޫރިޒަމަށް ހުޅުވާލުމަށް." ކާށިދޫ ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވިއެވެ.

ކާށިދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ހަމަޖެހިފައިވަނީ، އެރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ދެ ލައްކަ އަކަފޫޓްގެ ބިމެއްގައި ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއްވައެވެ.