ނިމިދިޔަ އަހަރު އޯލެވެލްގައި ޤައުމީ ގަދަ 10 އެއްގައި ހިމެނުނު އަޙްމަދިއްޔާ ސްކޫލްގެ 64 ދަރިވަރުންނާއި، ސްކޫލް ފެންވަރުގައި އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދީފިއެވެ. މިކަމަށްޓަކައި އަހުމަދިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މާލޭގެ މައްޗަންގޮޅީގެ ދަރިވަރުންނަށް ތަޢުލީމުގެ ފުރުސަތު ފަހިކުރުމަށް 1982 ވަނަ އަހަރު ހުޅުވުނު އަޙްމަދިއްޔާ ސްކޫލަކީ މިއަދު ރާއްޖޭގެ ތަޢުލީމީ މައިދާނުގައި ފާހަގަކޮށްލެވޭ ސްކޫލެކެވެ. މިސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައާއި ސްކޫލް ފެންވަރުގެ އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށްވަނީ އިނާމު ދެއްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް، މުޙައްމަދު ރަޝީދުވަނީ ސްކޫލުން ނިމިގެން ދިޔުމަކީ، ތަޢުލީމީ ޙަޔާތް ނިންމާލަންޖެހޭ ހިސާބު ނޫންކަމުގައި ވިދާޅުވެފައެވެ. އަދި ދުނިޔޭގައި ހުރި ކޮންމެ ހިނދަކީވެސް ޢިލްމު ޙާސިލުކުރުމަށް ކޮންމެ ކުއްޖަކުވެސް ގަދައަޅައި މަސައްކަތްކުރާ ވަގުތަކަށް ހެދުމަށް ޕްރިންސިޕަލްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންގެ ކިބައިގައި ޝަޚުޞިއްޔަތު ބިނާކުރުމަށް ބާރުއަޅާދެއްވުމަށް ޕްރިންސިޕަލްވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
"މާލޭގެ 4 ސަރަޙައްދެއްގައި އެއްދުވަސްވަރެއްގައި ޤާއިމުކުރެވުނު 4 އަވަށު ސްކޫލްގެ ތެރެއިން، މިހާތަނަށް ދެގޮތެއްނުވެ މިހާ ހިސާބަށް އާދެވުނު ދެވަނަ ސްކޫލެއް ނެތް. ކީއްވެތޯ އަޙްމަދިއްޔާ، މިއީ މިއަދުކޮށްލަން ރަނގަޅު ސުވާލެއް. އަޙްމަދިއްޔާ ނޫނީ، މިފުރަ މާލޭގައި އެއްފުރާޅެއްގެ ދަށުގައި، 4 މަރުޙަލާއަށް ކިޔވައިދޭ ސްކޫލެއްވެސް ނެތް." މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
އަޙްމަދިއްޔާ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ނިމިދިޔަ އަހަރު އޯލެވެލްގައި އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އެއްގައި އަދި ޤައުމީ ގަދަ 10 އެއްގައި ހިމެނުނު 64 ދަރިވަރަކަށްވަނީ އިނާމު ދެއްވާފައެވެ. އަދި ސްކޫލްގެ ގަދަ 10 އެއްގައާއި އެކި މާއްދާތަކުން ވަނަތައް ޙާސިލުކުރި ދަރިވަރުންނަށްވަނީ އިނާމުދެއްވާފައެވެ. އަހުމަދިއްޔާ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑު 10A ގެ ދަރިވަރުން ޢައިޝަތު އިންޝާ ޢިމްރާނެވެ.
މިޖަލްސާގައިވަނީ އެސްކޫލްގެ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި ޓީޗަރުންގެ އަގުވަޒަންކޮށް އިނާމުދެއްވާފައެވެ.
މީގެ 43 އަހަރު ކުރިން އަޙްމަދިއްޔާ ސްކޫލްގައި ތަޢުލީމު ފޯރުކޮށްދޭން ފެށިފަހުން މިވީ މުއްދަތުގެ ތެރޭގައި ސްކޫލުންވަނީ އެކި ކާމިޔާބީތައް ޙާސިލުކޮށްފައެވެ. ކިޔެވުމުގެ އިތުރުން، އިތުރު ޙަރަކާތްތަކުގައިވެސް ސްކޫލުންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކާމިޔާބީތައް ހޯދަމުންނެވެ. 200 އެއްހާ ދަރިވަރުންނާއެކު ކިޔަވައިދޭންފެށި އެސްކޫލްގައި މިދިޔަ ދިރާސީ އަހަރު 2700 އަށްވުރެ ގިނަ ދަރިވަރުންވަނީ ތަޢުލީމު ޙާސިލުކޮށްފައެވެ. އަޙްމަދިއްޔާ ސްކޫލްގައި ޕްރީ ސްކޫލާއި، ޕްރައިމަރީގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީއަށް އަންނަނީ ކިޔަވައިދެމުންނެވެ.