ޚަބަރު

ޒުވާނުންގެ ތަޢުލީމީ ތަރައްޤީއާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ޒުވާނުންގެ ތަޢުލީމީ ތަރައްޤީއަށް އެހީވެދޭން 32 ޤައުމަކާއެކު އެއްބަސްވުންތަކެއްގައި މޯލްޑިވްސް ރިސަރޗް ޑިވަލޮޕްމަންޓް އިންސްޓިޓިއުޝަން، އެމްއާރްޑީއައި އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ ޒުވާނުންނަށް ތަޢުލީމީ ދާއިރާއިން ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް އެމްއާރްޑީއައިން މަޢުލޫމާތުދެއެވެ.

މި އެއްބަސްވުންތަކުގައި އެމްއާރްޑީއައިގެ ފަރާތުން ސޮއިކުރެއްވީ އެމްއާރްޑީއައިގެ ޗެއަރ ޕާސަން މަރިޔަމް ވަސީމާއެވެ. މީގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޯ އިންވަނީ އެމްޑީއާރްއައިގެ ފަރާތުން ސިންގަޕޯއަށް ޒިޔާރާތްކުރި ޓީމްގެ ހުރިހާ މެންބަރުންނަށް އެ އިންސްޓިޓިއުޓްގެ މެންބަރު ކަންދީފައެވެ.

img:http://s4.psmnews.mv/images/660x400/14710249521069.jpg|''މިތުރު އިންޓަރނޭޝަނަލް ފްރެންޑްޝިޕް އަލްބަމް'' ރިލީޒްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-

މި އެއްބަސްވުންތަކުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ''މިތުރު އިންޓަރނޭޝަނަލް ފްރެންޑްޝިޕް އަލްބަމް'' ވަނީ ރިލީޒްކޮށްފައެވެ. މި އަލްބަމް ރިލީޒްކޮށްދެއްވީ ސަން ސިޔާމް ގްރޫޕްގެ ޗެއާރމަން އަޙުމަދު ސިޔާމް މުޙައްމަދާ ސާބާގެ ޓުއަރިޒަމް މިނިސްޓަރ ރަފީ އާއި އެންޖީއޯގެ މެންބަރުންނެވެ. މި އަލްބަމްގެ ރެކޯޑިންގ ހަދާފައިވަނީ ސަން ސިޔާމް ސްޓޫޑިއޯ އެންޑް ރެކޯޑްގެ ފަރާތުންނެވެ.

މިތުރު އަލްބަމަށް ލަވަކިޔާދީފައިވާ ފަންނާނުންގެ ތެރޭގައި މޯލްޑިވިއަން އައިޑަލްއިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިން ކަމަށްވާ ފާތިމަތު ނައްބަތާއި،  މުޙައްމަދު މުއައްޒިންއާއި،  މުޙައްމަދު ޒަލީފް  ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލް ޣަނީއާއި ސަމާ މޫސާގެ އިތުރުން އިސްކަންދަރު ސްކޫލްގެ ދަރިވަރެއް ކަމަށްވާ އާމިނަތު އައިނީ ރިޟްވާންގެ ހުނަރު ފެނިގެންދާނެއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން ރަފީ ޖަމްޢިޢްޔާގެ ފައުންޑިންގ ޕްރެޒިޑެންޓް ޢާއިޝަތު ރަފިއްޔާ ވިދާޅުވީ، މިތުރު އަލްބަމްގައި ރާއްޖޭގެ 6 އާރޓިސްޓެއްގެ ލަވަ ހިމަނާފައިވާއިރު، އަލްބަމްގެ ތީމް ލަވަޔާއެކު 9 ލަވަ މިއަލްބަމްގައި ހިމަނާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެޖަމްޢިއްޔާގެ ފަރާތުން ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ރާއްޖޭގެ އާރޓިސްޓުންގެ ހުނަރު ދައްކާލުމަށް މިފަދަ އަލްބަމެއް ލޯންޗުކުރުމުގެ އެންމެ ބޮޑު އަމާޒަކީ، އެމީހުންގެ ހުނަރު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދައްކައިދީ އެމީހުންނަށް ޕާރފޯމް ކުރެވޭނެ ޕްލެޓް ފޯމެއް ހޯދައިދިނުން ކަމަށެވެ.

މިތުރު އަލްބަމްގައި ހިމެނޭ ލަވަތަށް ކިޔާފައިވަނީ  ދިވެހި، އިންގްލިޝް، ރަޝިއަން، ޗައިނީޒް، ހިންދީ، މެލޭ އަދި ފިލިޕީންސް ބަހުންނެވެ.

img:http://s1.psmnews.mv/images/660x400/14710248789948.jpg|އަޙްމަދު ސިޔާމް މުޙައްމަދަށްވަނީ ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޯގެ ޑރ ފިލޯސަފީގެ އެވޯޑާއި، އޮނަރަރީ ޕްރެޒިޑެންޓް އޮފް ރޯޔަލް އިންސްޓިޓިއުޓް އޮފް ހޮސްޕިޓަލިޓީ އޮފް ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯގެ މަގާމްއަރުވަނީ-

މިރަސްމިޔާތުގައި އަޙްމަދު ސިޔާމް މުޙައްމަދަށްވަނީ ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޯގެ ޑރ ފިލޯސަފީގެ އެވޯޑް ދެއްވާފައެވެ. އަދި އޮނަރަރީ ޕްރެޒިޑެންޓް އޮފް ރޯޔަލް އިންސްޓިޓިއުޓް އޮފް ހޮސްޕިޓަލިޓީ އޮފް ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޯގެ މަޤާމްވެސް ސިޔާމަށް އަރުވާފައިވެއެވެ.

މެލޭޝިޔާގައި އޮތް ގްލޯބަލް ކޮންގްރެސްގެ މީޑިޔާ ޕާޓްނަރަކީ ޕީއެސްއެމްއެވެ. ޕީއެސްއެމްގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވަޑައިގެންނަވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ.