20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ، ތަރައްޤީވެފަވާ ޤައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ކުރިމަގު ބިނާވެގެންދާނެ ގޮތުގެ ތަޞައްވުރެވެ.
މި ޕްލޭން އެކުލަވާލަނީ މިނިވަން ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ. މި ޕްލޭން ވެގެންދާނީ އާއްމު ރައްޔިތުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އެކިއެކި ޢިލްމީ ދިރާސާތަކަށް ބިނާކޮށް ތަރައްޤީކުރާ ޤައުމީ ތަރައްޤީގެ ޕްލޭނަކަށެވެ.
މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީވެސް ޢިލްމީ ދިރާސާތަކުގެ އަލީގައި މަޢުލޫމާތު އެއްކުރުމެވެ. ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން މިހާރު ވަނީ، ޢިލްމީ ދިރާސާތަކާ ހޯދުންތަކަށް ބިނާކޮށް ޚިޔާލުތައް ހުށައެޅޭނެ މަގުވެސް ފަހިކޮށްދީފައެވެ.
އެގޮތުން ޔުނިވަރސިޓީ ދަރިވަރުންނާއި އެކި ދާއިރާތަކުން ހޯދުންތައް ހޯދުމަށް ކޮށްފަވާ އެކިއެކި ދިރާސާތައް، ދިރާސާގެ ނަތީޖާއަށް ބިނާކޮށް ޚިޔާލެއްގެ ގޮތުގައި ހުށައެޅޭނެއެވެ. އަދި ސިޔާސަތުތައް އެކުލަވާލުމުގައި މަސައްކަތްކުރާ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށްވެސް ޚިޔާލު ހުށައެޅޭނެއެވެ.
📢 Call for Research Papers & Policy Briefs
— Nexia Maldives (@nexiamv) August 31, 2025
Be part of shaping the Maldives’ future! 🌍✍️ pic.twitter.com/TqxXoUbCTR
ޢިލްމީ ދިރާސާތަކަކީ، ކުރީގެ ތަޖުރިބާތައް އަދި ފަހުގެ ހޯދުންތަކާއި ހިމެނޭހެން ކުރިމަގަށް ބިނާކުރަނިވި ޚިޔާލުތައް ހިމެނޭހެން ތައްޔާރުކުރާ ކަރުދާސްތަކެވެ.
ނެކްސިއާ މޮލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ޙާމިދް ޞާދިޤް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މިފަދަ ދިރާސާތަކުގެ ހޯދުންތަކާ ގުޅޭ ޚިޔާލު، ނެކްސިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްސާކޮށްފައިވާ ލިންކް މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ. އަދި ވަރަށް އަވަހަށް ވެބްސައިޓް ލޯންޗްކުރާނެކަމަށާއި، އެއާއެކު ވެބްސައިޓް މެދުވެރިކޮށްވެސް ހުށައެޅޭނެކަމަށެވެ.
"އެކި ދާއިރަތަކުން މާހިރުންނާ އަދި ރައްޔިތުންގެ ޚިޔާލާއެކު ހަދާފަވާ އެކިއެކި ދިރާސާތަކުގެ މަޢުލޫމާތު ހުށައެޅޭނެ. އެ ދިރާސާތަކުގެ ހޯދުންތަކާ، ރަނގަޅުކުރަން ފެންނަ ކަންކަން، ސަމަރީއެއްގެ ގޮތުގައި ހުށައެޅޭނެ. ހުށައަޅާ ލިންކްތައް ސޯޝަލް މީޑިއާ ޕޭޖުގައި ހުންނާނެ. އަދި އަޅުގަނޑުމެއްނެގ ވެބްސައިޓް ވަރަށް އަވަހަށް ލޯންޗްކުރާނެ." ނެކްސިއާގެ އެމްޑީ ޙާމިދު ޞާދިޤް ވިދާޅުވިއެވެ.
މި ޢިލްމީ ދިރާސާތައް، ޤައުމީ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ބާއްވާ މަހާސިންތާގައި ހުށައަޅާ މަޝްވަރާކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މި ޕޭޕަރުތައް ހުށައެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ބޭނުމަކީ، ދުރު ރާސްތާއަށް ނިންމުންތައް ނިންމާއިރު، ޢިލްމީ ދިރާސާތަކަށް ބިނާކޮށް ކަންކަން ނިންމުމެވެ. މި ޕްލޭންއިން ފެނިގެންދާނީ މިހާރު ރާއްޖޭގެ ޙާލަތަށް ބިނާކޮށް، ކުރިމަގުގައި ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަކުރުމަށް ރައްޔިތުން ނިންމާ ނިންމުންތަކެވެ. އަދި އެ ނިންމުންތައްވެގެންދާނީ، ބިނާކުރަނިވި އަދި ދެމެހެއްޓެނިވި މަސައްކަތްތަކަކަށެވެ.