ޚަބަރު

ކުޑަކުދިން ކުށްތަކަށް ހުށަހަޅާ މީހުން ޖޫރިމަނާކޮށް، އެފައިސާ ޚަރަދުކުރަންވީ ރީހެބިލިޓޭޓްކުރަން


  • ކުޑަކުދިން ޢާންމުކޮށް ކުށަށް ހުށައަޅަނީ ގޭންގުތަކުން

  • މަސްތުވާތަކެތި ވިއްކުމާއި އަނިޔާކުރުންފަދަ ކުށްކުށް ކުޑަކުދިން ލައްވާކުރުވާ

ކުޑަކުދިން ކުށަށް ހުށައަޅާ މީހުން ޖޫރިމަނާކޮށް، އެޖޫރިމަނާގެ ފައިސާ ކުށަށް އަރައިގަންނަ ކުޑަކުދިން ރީހެބިލިޓޭޓްކުރަން ޚަރަދުކުރުމަށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެއްގައި ލަފާދީފިއެވެ.

ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ހުއްޓުވައި އެކަމަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން މި ދިރާސާ ހެދީ
އެޑްވޮކެޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން، އަރކްއާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް، ޔުނިސެފް ގުޅިގެންނެވެ.

މި ދިރާސީ ކަރުދާސްތައް ޢާންމުކުރީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ތެރެއިންނެވެ.

މި ދިރާސާގައިވާ ގޮތުން މައިގަނޑު ގޮތެއްގައި ރާއްޖޭގައި ކުޑަކުދިން ކުށުގެ މާޙައުލަށް ހުށެއެޅެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގޭންގުތަކުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ނުވަތަ ކުށަށް ހުށައެޅުމެވެ. އެގޮތުން މަސްތުވާތަކެތި ވިއްކުމަށާއި މީހުންނަށް އަނިޔާކުރުމަށާއި މީހުންގެ މުދަލަށް ގެއްލުން ދިނުންފަދަ ބޮޑެތި ކުށްކުށް ކުޑަކުދިން ލައްވާ ކުރުވައެވެ. ދިރާސާގައިވާ ގޮތުން މިގޮތަށް ގޭންގުތަކުން ޢަމަލުކުރާ ސަބަބަކީ ކުޑަކުދިންނަށްދެވޭ އަދަބު ލުއިވުމެވެ.

މި ދިރާސާގައިވާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ދަށް ޢުމުރު ހަމަނުވާ ކުޑަކުދިން ލައްވާ ގޭންގުތަކުން ކުށްކުރުވައެވެ. އެހެންކަމުން ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު ދަށްކުރުމަކީ ހަނގުއުމުރުގެ ކުޑަކުދިން ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބަކަށްވާތީ، ބައެއް ޤައުމުތަކުން އެ ޢުމުރު ދަށްކުރުމަށްފަހު، ޢުމުރު މަތިކޮށްފައިވާކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި ޢާންމުކޮށްފައިވާ ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ކުޑަކުދިން ކުށަށް ހުށައެޅުމުގެ 942 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ ތެރެއިން ޕްރޮސިކިއުޓްކުރުމަށް ކޯޓުތަކަށް ހުށައެޅީ 100 މައްސަލައެވެ.

ދިރާސާގައިވާ ގޮތުން ޢާންމުކޮށް ގޭންގުތަކުގައި ހަރަކާތްތެރިވާ ކުޑަކުދިންނަކީ ޢާއިލީ މައްސަލަތައް ގިނަ، މާލީ ގޮތުން ދަތި ޢާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށެވެ.

މީގެ އިތުރުން ކިތަންމެ ބޮޑު މާލީ އެހީތެރިކަމެއް ދިނަސް، ކުއްޖަކު ކުށަށް ހުށައެޅުމުން ޖިސްމަށާއި ނަފުސަށްކުރާ ނޭދެވޭ އަސަރު ހައްލު ނުކުރެވޭނެކަމަށާއި އެ ކުދިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޮޑެތި ޚަރަދުތަކެއް ސަރުކާރުން ކުރަންޖެހޭކަމަށް ދިރާސާގައިވެއެވެ. އެހެންކަމުން ކުޑަކުދިން ކުށަށް ހުށައަޅައި މީހުން ޖޫރިމަނާކޮށް، ނުވަތަ އެ މީހުންގެ މުދަލެއް ދައުލަތަށް ނަގައި އެއިން ލިބޭ ފައިސާ ކުޑަކުދިން ރީހެބިލިޓޭޓްކުރަން ޚަރަދުކުރެވޭނެ ނިޒާމެއް ޤާއިމުކުރެވެންޖެހޭކަމަށް ދިރާސާގައިވެއެވެ. އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ ގޮތެއްކަމަށް ދިރާސާގައިވެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން ކުޑަ ކުއްޖަކު އެކްސްޕްލޮއިޓްކުރާ މީހެއްގެ އަދަބަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

މި ދިރާސާގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގޭންގުތައް ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމެވެ. އަދި ބައެއް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަކޮށް، ކުށްކުރާ ކުއްޖާއަށް ގިނަ ފަހަރު ފިޔަވަޅު އެޅޭއިރު، ކުއްޖާ ލައްވާ ކުށްކުރުރާ މީހާއަށްވެސް ފިޔަވަޅުއެޅުމުގެ ސަގާފަތެއް އުފައްދަންޖެހޭކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އަދި މިކަމުގައި ވަށައިޖެހޭ ހައްލެއް ލިބޭނީ ކުޑަކުދިންނަށް އިޖުތިމާޢީ ރައްކަތެރިކަމާއި ތަޢުލީމު ލިބިދީ، ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމުގެ އިތުރުން ޤާނޫނު ތަންފީޒުކުރުން ހަރުދަނާވެގެންކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އެނިޒާމު ތަންފީޒުކުރުމުގައި ބައިވެރިވާ އެކިއެކި މުއައްސަސާތަކުންވަނީ ދިރާސާތައް އެކުލަވާލާފައެވެ. މި ދިރާސާތައް މިހާރު ޢާންމުކޮށްފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާއި އޭގެ ހައްލު ދިރާސާތަކުގައި ބަޔާންކޮށްފައިވެއެވެ.