ޚަބަރު

18/30 ކްލެސިކް: ހެލްތާއި އެސްޓީއޯއަށް 8 ލަނޑުގެ މޮޅެއް


ކުލަބު މޯލްޑިވްސް 2025 ގެ އެއިޓީން ތާޓީ ކްލެސިކް މުބާރާތުގެ ފުރަތަމަ މެޗުތައް ޓީމު އެމްއޭސީއެލް އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، ޕްރިޒަން ކުލަބާއި، ހެލްތު ރެކްރިއޭޝަން ކުލަބު އަދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން ކާމިޔާބުކޮށްފިިއެވެ.

ކުލަބު މޯލްޑިވްސްއިން ބާއްވާ އަންހެން ޑިވިޝަންގެ ދެވަނަ ފަންތީގެ މުބާރާތުގައި މިފަހަރު ވާދަކުރަނީ 11 ޓީމަކުންނެވެ. ތިން ގްރޫޕަކަށް ބަހާލެވިގެން ކުރިއަށްދާ މިމުބާރާތުގައި ފުރަތަމަ ރޭ ވަނީ ތިން ގްރޫޕްގެ މެޗުތައްވެސް ކުޅެފައެވެ.

މިގޮތުން ގްރޫޕް އޭގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް އޭގައި ހުޅުމާލެ ހޮސްޕިޓަލް އަތުން ޕްރިޒަން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގައި ދަރުމަވަންތަ ހޮސްޕިޓަލާ ދެކޮޅަށް ކުޅުނު މެޗު ހެލްތުން ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑުކޮށް 8-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕްގައިވެސް ކުރިން ހަތަރު ޓީމު އޮތް ނަމަވެސް، މުބާރާތުގެ ގުރު ނެގި ފަހުން އެގްރި ރެކްރިއޭޝަން ކުލަބު ވަނީ މުބާރާތުގައި ބައިވެރިނުވެވޭނެކަން އަންގާފައެވެ. މި ގްރޫޕްގައި ދެން އޮތީ ޓީމު ބަދަހިއެވެ.

މުބާރާތުގެ ގްރޫޕް ސީގައި ކުޅިވަރު ވުޒާރާ ކުލަބާ ދެކޮޅަށް ކުޅުނު މެޗު އެމްއޭސީއެލްއިން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ ނުކުތީ އޭސީސީ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މިމެޗު އެސްޓީއޯއިން ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ.

ކުލަބު މޯލްޑިވްސްގައި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކިންގްސް ކަޕް ލީގު އޮފް ޗެމްޕިއަންސް މުބާރާތުގެ މެޗުތަކެވެ.