ޚަބަރު

ޙައްޤުތައް ކަށަވަރުކޮށް، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުޞަތު!


ރާއްޖޭގައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްގެކެވެ. އެ ފުރުޞަތު ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާކޮށް ރައްޔިތުންނަށް ލިބެއެވެ. ސަރުކާރާމެދު ނުރުހުމެއް އޮތްކަމުގައިވިޔަސް ސުލްހަ އެއްވުމާއި މުޒާހަރާތައް ބޭއްވުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރެއްކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލާއެކު އަނެއްކާވެސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމާ ގުޅޭ ބަހުސްތައް ވަނީ ފެށިފައެވެ. އެ ބިލަކީ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނެގުމަށް ފާސްކުރާ ބިލެއް ކަމަށްބުނެ ބައެއް ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

މި ބިލާމެދު ހުރި ކަންބޮޑުވުންތަކާގުޅޭގޮތުން ނޫސްވެރިން ކުރާ މުޒާހަރާތައް ބުދަ ދުވަހު ބޭއްވީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގެ ކުރިމަތީގައެވެ. ނަމަވެސް މިއީ ޤާނޫނުން އެފަދަ އެއްވުންތައް ނުބޭއްވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަނެވެ. ޤާނޫނާ ޚިލާފަށް ބޭއްވި މި އެއްވުމުގައިވެސް ފުލުހުން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދެއްވައެވެ. ދެ ސަރަހައްދަކީވެސް ގްރީން ޒޯން ސަރަހައްދުތައް ކަމުން ފުލުހުން މަސައްކަތް ކުރީ ނޫސްވެރިން އެ ސަރަހައްދުން ދުރަށްގެންދިއުމަށެވެ. އެއީ ނަސޭހަތްދީ އިންޒާރުވެސް ދިނުމަށްފަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ ކުރިންވެސް އެކި ވެރިކަމުގައި ގްރީން ޒޯންތަކުގައި އެއްވުންތައް ބާއްވާފައިވެއެވެ. ނަމަވެސް ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ފުރިހަމަ ބާރުގެ ބޭނުންކުރައްވައި އެއްވުންތައް ރޫޅާލައެވެ. ޕެޕަރ ސްޕްރޭ ޖެހުމާއި ބާރުގެ ބޭނުންކޮށްގެން އެއްވާ ނޫސްވެރިންނާއި އަދި އެ ނޫންވެސް އާންމުން ހައްޔަރުކުރި މަންޒަރުވެސް ވަނީ ފެނިފައެވެ. އަދި ރައީސް އޮފީސް ކައިރިއަށް އެއްވި އަންހެނުންތަކެއް ގަޔަށް ފެން ޖަހައި އެއްވުން ރޫޅާލި ދުވަސްވެސް ދިވެހި ރައްޔިތުންނަށް ވަނީ ފެނިގެންގޮސްފައެވެ.

ނަމަވެސް މިއަދު މަންޒަރު ވަރަށް ތަފާތެވެ. ލައުޑް ސްޕީކަރާއެކު ނޫސްވެރިން ރައީސް އޮފީސް ކުރިމައްޗަށް އެއްވުމުންވެސް އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވެއެވެ. އަދި ބުރާސްފަތި ދުވަހު މީޑިއާ ފެންޑާއަށް އެއްވި ނޫސްވެރިންނާމެދުވެސް ސަރުކާރުން ވަނީ ތަހުޒީބުކަމާއެކު އަމަލުކޮށްފައެވެ.

ބުރާސްފަތި ދުވަހުވެސް ނޫސްވެރިން އެއްވީ ރައީސް އޮފީސް ކުރިމަތީގައި ގާއިމުކޮށްފައިވާ މީޑިއާއަށް ޚާއްސަކޮށްފައިވާ ފެންޑާއަށެވެ. އެހެންވެ މީޑިއާތަކުގެ އެ ކަންބޮޑުވުން އަޑުއެއްސެވުމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނިއްޔާތާބެހޭ ވަޒީރު އިބްރާހިމް ވަހީދެވެ. ދެ ބޭފުޅުންވެސް ވަނީ މީޑިއާތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ސުވާލުތަކަށް ކެތްތެރިކަމާއެކު ޖަވާބުދެއްވާފައެވެ.

ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރަންއުޅޭކަމަށް ވާހަކަތައް ދެކެވޭއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ވަނީ އެގޮތް ބޭނުންފުޅު ނުވާކަން ހާމަކުރައްވާފައެވެ. ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ކުރެއްވި ކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަވާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޒިންމާދާރު ކަމާއެކު ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީގެ މެންބަރުންނަށްވެސް އެމަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަކަށް އެ ބިލު ފާސްކުރަން ބޭނުންފުޅު ނުވާކަން އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށްވާއިރު އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރު އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ. "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ތަފާތު އެކި މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުން ލިއްބައިދޭ އެންމެ ފުޅާމިނުގައި ދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިނިވަންކަމާއެކު މީޑިއާތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު މަސައްކަތް ފެއްޓެވިއެވެ.

މީޑިއާތަކަށް މަސައްކަތްކުރާނެ ފަހި މާޙައުލެއް ތަނަވަސްކޮށްދީ، މާލީ ގޮތުން މާލީ ބާރުވެރިކަން ފޯރުކޮށްދިނުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މީޑިއާތަކުން މަސައްކަތްކުރާނެ ޖާގައާއި ވަސީލަތް އަގު ހެޔޮކޮށް ހޯއްދަވައިދެއްވުމަށް މީޑިއާ ވިލެޖެއް ޤާއިމުކުރާނެ ތަނެއް ސަރުކާރުން ވަނީ މިހާރު ހަމަޖައްސަވާފައެވެ. އަދި ހުޅުމާލޭގައި އެތަން ކަނޑައަޅައި، މީޑިއާ ވިލެޖުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި އިންސައްތައެއް މީޑިއާތަކަށް ދެއްވުމަށް ފުރަތަމަ ފަހަރަށް ނިންމެވީވެސް ހަމަ މި ސަރުކާރުންނެވެ. ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފެއްޓެވުމަށްޓަކައި، އެކަމުގައި ޢަމަލުކުރާނެ އުޞޫލު މީޑިއާތަކުގެ ލަފަޔާއެކު އެކުލަވާލައި، މިހާރު ވަނީ ގެޒެޓްކޮށްފައެވެ.