ޚަބަރު

އެގްރޯނެޓްގެ ބޯޓުތައް އެމްޓީސީސީން އޮޕަރޭޓް ކުރުމަށް މަޝްވަރާކޮށްފި


  • އެމްޓީސީސީއިން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައި

  • އެގްރިބޯޓް އަކީ ސީދާ ދަނޑުވެރިކަމުގެ ބޭނުމަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް

އެގްރޯނެޓްގެ ބޯޓުތައް އެމްޓީސީސީން އޮޕަރޭޓް ކުރުމަށް މަޝްވަރާކޮށްފިއެވެ.

އެގްރޯނެޓުގެ ބޯޓުތަކަކީ އެގްރޯގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ގެނެސް، ދަނޑުވެރިންގެ އުފެއްދުންތައް އަވަސްކަމާއި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް އުފުލަން ޚާއްސަ ބޯޓުތަކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެމްޓީސީސީއާއެކު ބޭއްވި ބައްދަލުވުމުގައި އެމްޓީސީސީއިން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

އެމްޓީސީސީއިން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި، އެ ތަފްޞީލުތައް އެވުޒާރާއާއި ހިއްސާކުރާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެވުޒާރާއިން މި ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު އެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

އެގްރިބޯޓަކީ ސީދާ ދަނޑުވެރިކަމުގެ ބޭނުމަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މި ބޯޓްތައް ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދިމާވާ ގޮންޖެހުންތަކާއެކު ބޭނުންކުރެވޭ ގޮތަށް މޫސުމީ ބަދަލުތަކާއި އެކުވެސް ގަދަ ކަނޑުތަކުގައި ދުއްވޭގޮތަށް އަދި ބަނދަރަށް ލެފުމުގައިވެސް ފަސޭހަވާނެ ގޮތަށެވެ.

މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި، ސޯލާ ޕަވަރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް އަރާމުކޮށްލަން ތިބެވޭ ކޮޓަރިތައް ވަނީ ފަރުމާކޮށްފައެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ އިރުގެ ހަކަތައިން ކޯލްޑްސްޓޯރޭޖް ބޭނުން ކުރެވޭގޮތަށް ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތަކަށެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އިތުބާރުހުރި، އަދި ވަގުތުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިބޯޓުތަކުގެ ސަބަބުން ދަނޑުވެރިންގެ ބާވަތްތައް ތާޒާކަމާއެކު ވަގުތުން ރާއްޖޭގެ އެކި މާރުކޭޓްތަކަށް ފޯރުކޮށްދެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ލިބިގެންދާނެ އެވެ.