ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ 4،000 ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ފުރަތަމަ ބަސް ސްޓޮޕް ހަދައި ނިންމާލާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހިތިގަސްމަގުގައި ޤާއިމްކުރާ ބަސް ސްޓޮޕްގެ މަސައްކަތްކަމަށާއި، މިމަސައްކަތުގެ ތެރެއިން އިތުރު 3 ބަސް ސްޓޮޕް އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ ޕީއާރް، މުޙައްމަދު ސިރާޖް ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ސެޕްޓެމްބަރުމަސްތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުމަށްކަމަށެވެ.
" ބަސް ސްޓޮޕްގެ މަސައްކަތް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްމި ގެންދަނީ ގެދޮރުވެރިޔާގެ ފްލެޓްތަކަށް މީހުން ބަދަލުވުމާ ގުޅިގެން އެބޭފުޅުން ފްލެޓްތަަކަށް ވަނުމުގެ ކުރިން ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން މި އުއްމީދުކުރަނީ ސެޕްޓެމްބަރުމަސްތެރޭ ހުރިހާ ބަސް ސްޓޮޕެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭތޯ. މުޅިއަކު 5 ބަސް ސްޓޮޕް މުޅިއަކު އަޅުގަނޑުމެން އެބަ ޤާއިމްކުރަން ގެދޮރުވެރިޔާ ސަރަޙައްދުގައި. އެއާއެކީގަ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކުރީގަވެސް ހުރި ބަސް ސްޓޮޕްތަކާއެކީގަ ޖުމްލަ 17 ބަސް ސްޓޮޕެއް އައު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ". ސިރާޖު ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4،000 ފްލެޓް ހިމެނޭ ޓަަވަރުތައް ކައިރީގައި މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭތީ ބަސް ސްޓޮޕްތައް ގާއިމްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެހެން ފްލެޓްތައް ކައިރީގައި ބަސް ސްޓޮޕްތައްވަނީ ޤާއިމްކޮށްފައެވެ.
އެޗްޑީސީން ވިދާޅުވީ، އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްކަމަށެވެ.