ޚަބަރު

ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން އެޗްޑީސީއާ ހަވާލުކޮށްފި


  • އަލަށް ފަށާ މަޝްރޫޢުގައި 700 ޔުނިޓު ތަރައްޤީކުރަން ހުޅުވާލަނީ އަމިއްލަ ގޯތީގައި ގެއަޅަން

  • 1300 ހައުސިންގ ޔުނިޓު ތަރައްޤީކުރަނީ ޕަބްލިކް ހައުސިންގއަށް

  • ހުށްޓިފައި ހުރި 400 ހައުސިންގ ޔުުނިޓުގެ މަސައްކަތްވެސް ހަވާލުކުރި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ މިމަޝްރޫޢުގެ އިތުރުން، ކުޅުދުއްފުށި ސިޓީގައި ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އެކުންފުންޏާ ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ޙަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ.

މިމަޝްރޫޢާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ޢިއުލާންކުރައްވާފައިވާ 2000 ހައުސިންގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްޤީކޮށްދޭނެ ފަދަ ސްކީމެއްކަމަށެވެ. އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިންކަމަށެވެ.

"700 ޔުނިޓު މިދޫކުރަނީ މިގޮތަށް. އެއީ ކޮންމެ ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓެއް. އެ 700 ޔުނިޓު މިޚާއްސަކުރަނީ ތިބޭފުޅުންގެ ތެރެއިން، އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުންނަށް. އަޅުގަނޑު ޤަބޫލުކުރަނީ މިގޮތަށް 700 ޔުނިޓު ތަރައްޤީކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކަށް ފާއިދާވާނެކަމަށް. އަމިއްލއަށް ބޭންކުން ލޯނުނަގައިގެން ގެއަޅަން، އުޅެ ނުވެފައި ތިބެދާނެ. އަދި މިކަމުގެ ތެރެއިން މިކަން ހަމަޖެހިގެންދިޔުމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރުގެ ތެރޭގައި 700 ހައުސިންގއަށް ކުރިމަތިލާން އެދޭ ފަރާތްތައް ދެނެގަނެ އެކަން އިމާރާތްކުރުމާއި ބެހޭ ވުޒާރާއާއި އެޗްޑީސީއާއި ހިއްސާކޮށް ގުޅިގެން މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މިމަސައްކަތްވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ.
ކުޅުދުއްފުށީގައި ހައުސިންގ ސްކީމަށް ހުޅުވާލުމުން 1200 އަށްވުރެ ގިނަ މީހުން 2023 ވަނަ އަހަރުވަނީ ކުރިމަތިލާފައެވެ. އެހެންކަމުން 2000 ހައުސިންގ ޔުނިޓުގެ މަސައްކަތާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.