ރިޕޯޓް

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތު - ނަތީޖާ ދަނީ ފެންނަމުން


ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ގެދޮރުވެރިކުރުމުގެ ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. ޒުވާނުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވަހިކަން ކަމަށްވީއިރު، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް ޒުވާނުން މަގުމަތިނުވެ ހިޔާވަހިކަމުގައި އުޅޭވޭނެ މަގު ފަހިކޮށްދެއްވުމެވެ. 

ޢާއިލާގެ ގިނަ މެމްބަރުން އެއް ގެއެއްގައި އުޅެންޖެހި ތަޙައްމަލްކުރަމުންދާ މައްސަލައަށް ބޮޑު ޙައްލެއް ގެނައުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވައެވެ. ބިން ބޮޑެތި ރަށްރަށުން ބިން ފުރިފައިވުމުގެ ސަބަބުން އެރަށްރަށުގައިވެސް ފްލެޓް އެޅުމުގެ މަޝްރޫޢުތައް ސަރުކާރުން ދަނީ ހިންގަވަމުންނެވެ. އަލަށް ވަޒީފާއަށް ވަދެ، ދިރިއުޅުމެއް ފަށާ ޒުވާނުންނަށް އަތްފޯރާފަށުގައި ގެދޮރުވެރިކުރުމުގެ ގޮތުން، ފުލެޓް ގަންނަ ފުރަތަމަ ފަހަރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭގޮތަށް ޤާނޫނު ހަދާ މަޖިލީހުން ވަނީ އިޞްލާޙެއް ފާސްކުރައްވާފައެވެ. ސަރުކާރުން ރާއްޖޭގައި ވިއްކާ ފްލެޓްތަކުން ފަނަރަ އިންސައްތައިގެ ޓެކުހެއް މިހާތަނަށް އައީ ނަންގަވަމުންނެވެ. ނަމަވެސް މި ޤާނޫނު ބަދަލުކުރައްވައި މަޖިލީހުން ވަނީ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގަންނަ މީހަކީ ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވެފައި، އެއީ އޭނާ ފްލެޓް ގަންނަ ފުރަތަމަ ފަހަރު ކަމުގައިވާނަމަ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14619136695219.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް / ފޮޓޯ: ޕީއެސްއެމް

ހަމަ އެހެންމެ ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް އަމާޒުކުރައްވައިގެން 1500 ހައުސިންގ ޔުނިޓް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢަކީ، ސަރުކާރުން ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގެވުމަށް ނިންމަވާފައިވާ އުޞޫލާ އެއްގޮތުގެ މަތިން، ތަފާތު ޕްރޮފެޝަންގެ ބޭފުޅުންނަށް ޚާއްޞަކުރައްވައިގެން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢެކެވެ. 

މި ފްލެޓްތައް ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރެއްވުމަށް ހިންގަވާ މަޝްރޫޢުގެ ތެރެއިންނެވެ. މިއީ އަމިއްލަ ރަށާ ދުރުގައި ވަޒީފާއަދާކުރާ ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލްކުރައްވައެވެ.

ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ މެންބަރުންނަށް، ރިޓަޔަރމަންޓް ސޭވިން އެކައުންޓުގައި ހުންނަ ފައިސާއިން ރަހުނު ކުރެވޭގޮތަށް ޤާނޫނު އިޞްލާޙު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤްކުރައްވާފައެވެ. އެ ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހިންގާ ގެދޮރުވެރިގުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެއެވެ. އެހެންކަމުން ޢިމާރާތްކޮށް ނިންމާ އަދި ޢާއްމުކޮށް ހުޅުވާލައިގެން ވިއްކާ، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެ މީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން މިހާރު ވަނީ ދެއްކޭނެ މަގު ފަހިވެގެންގޮސްފައެވެ. img:http://s4.psmnews.mv/images/660x400/14636741202673.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިން މަތިން ފެންނަ ފޮޓޯއެއް / ފޮޓޯ: ޕީއެސްއެމް

މި ސްކީމުގެ ދަށުން ފައިސާއެއް ދުލެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ޕެންޝަން ފަންޑުން ބޭންކުތަކަށް ދޭނީ ގެރެންޓީއެކެވެ. އެއީ އެ މީހަކު އޭނާގާ ލޯން ނުދެއްކޭ ޙާލަތުގައި ދެއްކުމަށް ދައްކަންޖެހޭ ޕަސެންޓެވެ. މި ސްކީމްގެ ދަށުން ގޭގެ އެންމެންގެ ޕެންޝަން ފައިސާ އެއްކޮށްގެން ގެދޮރު ގަތުމުގެ ފުރުޞަތު ވަނީ ފަހިވެގެން ގޮސްފައެވެ. ސްކީމްގެ ދަށުން އަށްސަތޭކަ ފަންސާހަށްވުރެ ގިނަ ފަރާތައް ގެދޮރު ގަތުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީގެ އިތުރުން ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް ތަފާތު ގިނަ ލޯންތަކެއް ދަނީ ދޫކުރައްވަމުންނެވެ. ކުޑަ އިންޓަރެސްޓަކާއެކު ދިގު މުއްދަތަކަށް ބަހާލައިގެން ދެއްކޭ މި ލޯންތަކުން ޑައުންޕޭމަންޓް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމްވެސް ވަނީ ސަރުކާރުން ފަހިކޮށްދެއްވާފައެވެ. ބޯހިޔާވަހިކަމުގެ މި ހުރިހާ ފަސޭހަތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގެއްގައި ލުއިފަސޭހަކަމާއެކު ގެދޮރު ލިބިގެންދާނެކަމަށް ގެދޮރުވެރިކަމާބެގޭ ވަޒީރު ޑރ.މުޙައްމަދު މުޢިއްޒު ޕީއެސްއެމާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ހުޅުމާލޭގައި ފަނަރަހާސް ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެޗްޑީސީއާއި އަމިއްލަ ބައެއް ކުންފުނިތަކާއެކު ފްލެޓްތައް އެޅުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. 

img:http://s2.psmnews.mv/images/660x400/14613359179416.jpg|ހުޅުމާލެ 2 ވަނަ ފިޔަވަހި ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އެޗްޑީސީ

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މިކަމުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމަށެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ނަތީޖާ ދެމަހެއްހާ ދުވަހުގެ ތެރޭގައިވެސް ފެންނަން ފަށާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެކަމަށެވެ. އެގޮތުން ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ 704 ފްލެޓާއި ދެކުނުގެ އަތޮޅުތަކުގައި މިހާރު އިމާރާތްކުމުން އަންނަ ފްލެޓްތަކުގައި އަންނަ އަހަރުގެ ކުރީކޮޅު މީހުން ދިރިއިޅެން ފެށޭވަރުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިދައުރު ނިމެންވާއިރަށް ގެދޮރުގެ އަގަށް ހެޔޮ ބަދަލެއްގެނެވި ގިނަ މަޝްރޫޢުތަކެއް ނިންމަވާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.