ތިމާވެށި

ވޭސްޓް ކަލެކްޝަން ސެންޓަރުގެ ބިން ތައްޔާރުކުރަން ފަށައިފި


މާލޭ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން ޤާއިމުކުރައްވާ "ވޭސްޓް ކަލެކްޝަން ސެންޓަރ" ހެއްދެވުމަށް ހަމަޖެހިފައިވަނީ މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގައެވެ. އިންޑަސްޓްރިއަލް ވިލެޖުގެ ބިން ހިއްކެވުމުގެ މަސައްކަތް ނިމި، އެތަނުގެ ރިވެޓްމަންޓް ޖެހުމާއި، ޝީޓް ޕައިލްކުރެއްވުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިގެން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެތަނުގައި ޤާއިމުކުރައްވާ ވޭސްޓް ކަލެކްޝަން ސެންޓަރ ހެއްދެވުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައެއް މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ބޭނުމަށް ދޫކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު އެސަރަޙައްދު ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14675080385984.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖްގެ ހުޅަނގު ފަރާތުގައި ޤާއިމުކުރައްވާ ވޭސްޓް ކަލެކްޝަން ސެންޓަރަށް ދިއުމަށްޓަކައި ބޮޑުތަކުރުފާނުމަގާވީ ފަޅިން ދަތުރުކުރަން ހަމަޖެހިފައިވާ ބޮޑު މަގު ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. ތާރު އަޅުއްވައިގެން ރަނގަޅު ފެންވަރެއްގައި ތަރައްޤީކުރައްވާ މި މަގުގެ ބޭސްލޭޔަރތައް އެޅުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ." ވޭސްޓްޔާރޑަށް ދިއުމަށްޓަކައި ބޮޑުތަކުރުފާނު މަގުން ދާން އޮންނަ މައިމަގު ހެދުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްއެބަދޭ. ބޮޑުތަކުރުފާނު މަގު ގޮސް މި ގުޅެނީ އިންޑަސްޓްރިއަލް ވިލެޖާ. އެ މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުން ވަރަށް އަވަހަށް ފެށިގެންދާނެ. ތާރު އެޅުމަށްޓަކައި، ހަދަންޖެހޭ އެކި އެކި ބޭސްލޭޔަރތައް އެޅުމާއި، ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަކުރިއަށްދޭ. އެ މަގާއި، ވޭސްޓް ޔާޑްގެ މަސައްކަތް ނިންމުން މިހާރުގެ މައިގަނޑު އެއް އަމާޒަކީ" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. ކުނި އުކާ ބާޖުތަކަށާއި، ދޯނިފަހަރަށް ކައިރި ކުރެވޭނޭހެން އިންޑަސްޓްރިއަލް ވިލެޖްގެ ހުޅަނގު ފަރާތުން ބޮޑު ބިމެއް ހައުސިންގ މިނިސްޓްރީން ވަނީ ތައްޔާރުކޮށްދެއްވާފައެވެ. މިތަނުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ކަލެކްޝަން ސެންޓަރ ވެގެންދާނީ މާލޭގެ ގޭބިސީތަކުން އުކާލެވޭ އެކި ބާވަތްތަކުގެ ކުނި ވަކި ކުރެވި، ތިލަށްފުށްޓަށް ގެންދިޔުމުގެ ކުރިން ސްޓޭޝަންކުރާ ތަނެއްގެ ގޮތުގައެވެ. 

މި ސެންޓަރ އޮޕަރޭޓް ކުރުމަށްޓަކައި ބޭނުންވާ ވެހިކަލްތަކަށް މިހާރު އޯޑަރުކޮށްފައިވާއިރު، ގޭބިސީތަކުން ކުނި ޖަމާކުރުމަށް 3 ވައްތަރެއްގެ ވެހިކަލް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. މީގެތެރޭގައި، ޓްރައިސިކަލްސް، ޕިކަޕު އަދި ކޮންޕެކްޓަރ ޓްރަކް ހިމެނޭކަމަށް ވެމްކޯއިން ބުނެއެވެ.