ދީން

ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފުރަތަމަ ގުރޫޕް 15ގައި ފުރާނެ


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މިމަހުގެ 15 ވަނަ ދުވަހު ފުރާނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ސަޢޫދީއަރަބިއްޔާ ފުރާ ފުރަަތަމަ ފްލައިޓުގައި 222 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖަރ މާކެޓިންގ އެންޑް ލޮޖިސްޓިކް ޙުސައިން ޝިނާން ވިދާޅުވީ، ޙައްޖުވެރިން މިމަހުގެ 15، 18، 21 އަދި 22 މި 4 ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝިނާން ވިދާޅުވީ، ޙައްޖަށް ފުރުމުގެ ކުރިން ވާންެޖެހޭ އެންމެހާ ތައްޔާރީތަށް ވެނިމިފައިވާ ކަމަށާއި، މިމަހުގެ 12، 13، 16 އަދި 17 ވަނަ ދުވަހު ޙައްޖުވެރިނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އަދި އެ ސެޝަންތަކުގައި، ޙައްޖުވެރިން މައްކާއަށް ގޮސް އުޅުމުގައި ސަމާލުކަން ދޭންވީ ކަންތްތަކާއި، ބަސް ދަތުރުތަކާއި ގުޅޭ މަޢުލޫމާތާއި، ސިއްޙީ މަޢުލޫމާތު އޮޅުން ފިލުވައިދެއްވާނެ ކަމަށް ޝިނާން ވިދާޅުވިއެވެ. މީގެ އިތުރުން ޙައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ދާނެ މީހުންނަށްވެސް މަޢުލޫމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސް ނިމިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދާ ޙައްޖާޖީން ޙައްޖަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއާލައިން ގައެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަހަރު ޙައްޖަށް ދާން ނެގި އަގަކީ 69965 (ފަސްދޮޅޮސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅޮސް ފަސް) ރުފިޔާއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާނެއެވެ.