ޚަބަރު

އަބުރު ރައްކާތެރި ކުރުމާބެހޭ ބިލް މަޖިލީހުން ފާސްކުރައްވައިފި


އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ކޮމިޓީން ފާސްކުރެއްވި އިސްލާޙްތަކާއި މަޖިލީހުގެ ތަޅުމުން ގެންނެވި އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސްކުރައްވަން ނުފެންނަކަމަށް 31 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލިބިދޭ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ހަމަތަކާއި އުޞޫލުތައް ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށައަޅުއްވާފައިވާ "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް" ޕީޕީއެމާއި އެމް.ޑީ.އޭގެ މެންބަރުން ތާއީދު ކުރައްވާފައިވެއެވެ. އެހެންނަމަވެސް އިދިކޮޅު އެމް.ޑީ.ޕީގެ މެންބަރުން ބިލަށް ތާއީދުކުރައްވާފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ބިލަށް ތާއީދުކުރައްވައި ވާހަކަދެއްކެވި އަނެއްބައި މެންބަރުން ތާއީދުކުރައްވައި ވާހަކަދައްކަވާފައެއް ނުވެއެވެ.

އަބުރު ރައްކާތެރިކުރުމުގެ ބިލުގައި މީހެއްގެ އަބުރައް އަރައިގަނެފިކަމަށް ޝަރުޢީ ކޯޓެއްގައި ސާބިތު ވެއްޖެނަމަ 25 ހާސް ރުފިޔާއާ 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ.

މި ބިލް ދިރާސާ ކުރައްވާފައިވަނީ 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކުން، ބިލް ދިރާސާކުރެއްވުމަށްޓަކައި އެކުލަވާލެއްވި ވަގުތީ ކޮމިޓީން ވަނީ ބިލާމެދު ބައެއް މީޑިއާތަކުން ކަނބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެން މީޑިއާތަކުގެ ކަންބޮޑުވުންތައް ޙިއްޞާ ކުރެއްވުމުގެ ފުރުޞަތު ދެއްވާފައެވެ. އެގޮތުން ބޮރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާކައުންސިލާއި، ޕަބްލިކް ސަރވިސް މީޑިއާގެ އިތުރުން ރާއްޖޭގެ އަމިއްލަ ބައެއް މީޑިއާތަކުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި ބިލާމެދު ޚިޔާލު ހޯއްދަވާފައިވެއެވެ.

މި ޚިޔާލުތަކަށްފަހު ކޮމިޓީ މަރުޙަލާގައި ބިލަށް މުހިންމު އިޞްލާޙްތަކެއްވެސް ވަނީ ގެންނަވާފައެވެ. އެގޮތުން ފަރުދުންނަށް ރައްދުކޮށް ދައްކާ ވާހަކަ ރިޕޯޓްކުރުމުގައި، ވާހަކަ ރައްދުވާ ފަރާތުގެ ބަހެއް ނުލިބިއްޖެނަމަ، އެ ޙާލަތުގައި ޢަމަލުކުރެވޭނެ ގޮތްތަކެއްކަމުގައި، އެފަރާތާ ގުޅުމަށް އެކަށީގެންވާ މަސައްކަތެއްކުރުމަށްފަހު، އެ ޚަބަރެއް ރިޕޯޓް ކުރުމުގެ ފުރުޞަތު ލިބިދެވޭގޮތަށް ބިލަށް ވަނީ އިސްލާޙް ހުށަހަޅާފައެވެ. އަދި ޚަބަރު ޝާއިޢުކުރާ ފަހުން، އެޚަބަރެއް ރައްދުވާ ފަރާތުން ރައްދެއް ޝާއިޢުކުރަން ބޭނުންވެއްޖެނަމަ، އެ ޚަބަރެއް ނުވަތަ ލިޔުމެއް އާންމުކުރި ފެންވަރުގައި އެފަރާތުންދޭ ރައްދުވެސް އާންމުކުރުމަށް ފުރުޞަތު ދެންޖެހޭގޮތަށް ބިލަށް އިސްލާޙް ގެންނަވާފައިވެއެވެ.

ވަގުތުން ގެނެސްދޭ އިވެންޓެއްގެ ތެރެއިން އަބުރަށް އުނިކަމެއް އަންނަފަދަ ވާހަކައެއް ނުވަތަ ކަމެއް ހިނގައިފިނަމަ، އެކަމަށް ބްރޯޑްކާސްޓަރ ޒިންމާވާންޖެހޭނޭ ގޮތަށް އޮތުމުން، އެކަން ޙައްލުކުރުމަށްޓަކައި އަދި އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލަންވާނެ ކަމަށާއި، އެފަދަ އިވެންޓެއް މެދުކަނޑާލަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން އަންގަވައިފިނަމަ ވަގުތުން ހުއްޓާލަންވާނެކަމަށް އިސްލާހު ހުށަހަޅާފައިވެއެވެ. އަދި އެ އިވެންޓެއްގައި އެމީހެއްގެ އަބުރާބެހެވޭ މީހާ އެދިއްޖެ ޙާލަތެއްގައިވެސް އެ ފަދަ ކޮންޓެންޓެއް ހިމެނޭނަމަ، އެ އިވެންޓެއް ޓެލެކާސްޓްކުރުން ނުވަތަ ބްރޯޑްކާސްޓްކުރުން މެދުކަނޑާލަންވާނެ ކަމަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ފިލްމް، ޑްރާމާ ލަވަ އަދި އެ ފަދަ އެހެން އުފެއްދުންތައް އުފައްދާ ފަރާތްތަކުން ހެޔޮނިޔަތުގައި އަދި ވަކި ފަރާތަކަށް ނިސްބަތްނުކޮށް އުފައްދާ އުފެއްދުންތަކުން، މި ޤާނޫނާ ޚިލާފުވެދާނޭ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވާތީ، އެ ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މިފަދަ އުފެއްދުންތައް އުފައްދާ ފަރާތްތަކުން އެ އުފެއްދުމުގައި "ޑިސްކްލެއިމަރ" އެއް ހިމެނުމުން މި ބިލުގެ ތެރެއިން ޙައްލު ލިބޭގޮތަށް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މަޖިލީހުގެ ތަޅުމުން ބިލަށް އިސްލާޙް ހުށައެޅުއްވުމަށް ރިޔާސަތުން ހުޅުއްވައިލެއްވުމުން 2 މެންބަރަކު މިއަދު އިސްލާޙް ހުށައަޅުއްވާފައިވެއެވެ.

ޕީޕީއެމާއި، އެމް.ޑީ.އޭގެ މެންބަރުންނާއި ބައެއް އެހެން މެންބަރުންވެސް ވަނީ މި ބިލަށް ތާއީދު ކުރައްވާ ވާޙަކަފުޅު ދައްކަވާފައެވެ. އެބޭބޭފުޅުންގެ ވާހަފުޅުގައި އަބުރު ރައްކާތެރި ކުރުމާބެހޭ ޤާނޫނެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޑިމިކްރަސީގެ ނަމުގައި ހައްގަކާނުލައި މީހުންގެ ކަރާމާތަށް އަރައިގަތުމުގެ ފުރުޞަތު ނުދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އަބުރު ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އެއް އަޞާސްކަމަށާއި، މި ބިލަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކަމުގެ މިނިވަންކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދޭ ބިލެއްކަން ފާހަގަކުރައްވާފައިވެއެވެ.

ބިލާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުންވަނީ މިބިލް ޤާނޫނުއަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށޫއަރާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވައި ބައެއް ދީނީ ޢިލްމުވެރިންވެސްވަނީ މި ބިލާގުޅިގެން ފަތުވާ ދެއްވާފައެވެ. ބިލު ފާސްކުރެއްވުމަށް ފެންނަކަމަށް ވޯޓްދެއްވި މެންބަރުންވަނީ މިބިލުން ޢާންމު ރައްޔިތުންނަށް ލިބިދޭ އަސާސީ އެއްވެސް ހައްޤަކަށް އުނިކަން ނާންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީންވެސް ވަކި ހުދޫދެއް ނެތި ދޫކޮށްފައިވާ ޙައްޤެއް ނޫންކަން ފާހަގަކޮށްލެވެއެވެ.