އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އއ. ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް މިއަދު ވަޑައިގެންނެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގެންނެވިއެވެ.
އއ. ތޮއްޑޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ޙަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 29.7 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ތެރެއިން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައިވާކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އއ.ތޮއްޑޫގެ އާބާދީ 2000އިން މައްޗަށް އަރައެވެ. އަދި ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށެކެވެ. ލޯކަލް ޓޫރިޒަމްގެ އެކި މަސައްކަތްތަކުގައި ރަށުން ބޭރު 700އެއްހާ މީހުން ރަށުގައި ދިރިއުޅެމުންދެއެވެ. އެރަށުގައި 50އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުން އާދެއެވެ.