ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާ ބެހޭ ޤާނޫނާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ހިންގާނަމަ، ގޭންގެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އެޅޭނެ ކަމަށެވެ. ނަމަވެސް، ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި އެކަމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށް ޕީޖީ ވިދާޅުވިއެވެ.
އައު ޤާނޫނުގެ ދަށުން ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅޭނެއެވެ. އަދި އިންތިޒާމުވެގެން ބަޔަކު ގުޅިގެން ކުށްކުރާކަމަށް ސާބިތުވެ، އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ގެނެވޭ ބަދަލުތަކުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް، އަދަބު ދެގުނަ ލުއިކޮށްދެވި، ބައެއް މީހުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދިނުމުގެ ފުރުޞަތު އޮތްނަމަވެސް، އައު ޤާނޫނާއެކު ބޮޑެތި ކުށްތައްކުރުމުން އެ ދޮރުތައް ބަންދުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްކުށަށް އެއްވެސް ވަރަކަށް ލުއި ނުދެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
"އިޢުތިރާފުގެ އެއްބަސްވުމެއް ހެދީމަ ދެބައިކުޅަ އެއް ބައި އެބަ ކަނޑާލެވޭ ޖަލު ހުކުމުން. އިޢުތިރާފު ވިޔަސް 25 އަހަރުގެ ހުކުމަކަށް އައު ޤާނޫނުން ދާނީ. ކޯޓަކަށްވެސް ރައީސަކަށްވެސް ލުއި ނުދެވޭނެ. ވަރަށް ބޮޑު ޔަޤީންކަމެއް ނިޒާމަށް ލިބިގެންމިދަނީ." ޕީޖީ ވިދާޅުވިއެވެ.
ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުގައި ނުޙައްގުން ހޯދާފައިވާ މުއްސަނދިކަން ދައުލަތަށް ނެގުމުގެ މަގުފަހިވެގެންދާނެއެވެ. މިގޮތަށް ނަގާ މުދާ ބެލެހެއްޓުމާއި އެ މުދަލާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މާލިއްޔަތާ ބެހޭ ވުޒާރާއިންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ.