ކުޅިވަރު

އޭޝިއަން ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެލޭޝިޔާ ހޯދައިފި


ދިހަ ޤައުމު ވާދަކުރި އޭޝިއަން ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެލޭޝިޔާ ހޯދައިފިއެވެ. 

ތައިލެންޑްގައި ކުރިޔަށްދިޔަ ދިހަވަނަ އޭޝިއަން ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެލޭޝިޔާ ހޯދީ ފައިނަލްގައި ސްރީލަންކާ ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގައި ލަންކާގެ މައްޗަށް މެލޭޝިޔާ ކުރިހޯދީ 41 ޕޮއިންޓް 31 ޕޮއިންޓުންނެވެ. 

މެޗަށްފަހު މުބާރާތުގައި ވާދަކުރި ޓީމްތަކުން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއަށްވެސް އޭޝިއަން ނެޓްބޯލް ފެޑެރޭޝަނުން ވަނީ ހަނދާނީ ފިލައެއް ދީފައެވެ. ރާއްޖޭގެ ޓީމުން މި ފިލާ ލިބުނީ އައިމިނަތު ރަބާބް އިބްރާހީމަށެވެ. މިމުބާރާތުގެ މެޗަކުން ރާއްޖެ މޮޅު ނުވިނަމަވެސް ސަރަޙައްދުގައި ނެޓްބޯޅައިގެ ގަދަބާރުތަކާ ދެކޮޅަށްވަނީ ކުޅެފައެވެ. އެގޮތުން ތައިލެންޑް، ހޮންގްކޮންގް، ސިންގަޕޯރ އަދި ޗައިނީޒް ތައިޕޭ ހިމެނެއެވެ. 

މި މުބާރާތަކީ މި ސަރަޙައްދުގައި ނެޓްބޯޅައިގެ ފޯރި ގަދަކޮށް ތަރައްޤީކުރުމަށާއި، އަވަށްޓެރި ޤައުމުތަކުގެ ގުޅުން ބަދަހި ކުރުމަށް ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ދެހާސް އަށާރަވަނަ އަހަރު އޮންނާނީ ސިންގަޕޫރުގައެވެ. ދިހަވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް ނިންމުމުގެ ގޮތުން ރޭވަނީ ޚާއްސަ ޙަފްލާއެއްވެސް ބާއްވާފައެވެ. މިޙަފްލާގައި މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކުންވެސް ވަނީ ތަފާތު ޙަރަކާތްތައް ހުށަހަޅާފައެވެ. 

ރާއްޖޭގެ ޓީމުންވެސް ވަނީ މިޙަފްލާގައި ނެށުމުގެ ޙަރަކާތެއް ދައްކާލާފައެވެ.