ޚަބަރު

ވިލުފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހަ އަނދާ ހުލިވެއްޖެ


ތ.ވިލުފުށީގައި ހިންގަމުން އަންނަ ސިޔާސީ ޕާޓީއެއްގެ ޖަގަހައެއްގައި އަލިފާން ރޯވެ، އަނދާ ހުލިވެއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިލުފުށީގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމުން ހިންގަމުން އަންނަ ޖަގަހައެއްގައި ކަމަށާއި، އެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:50 އެހާއިރު ކަމަށެވެ.

ފުލުހުން އެ ސަރަޙައްދަށް ދިޔައިރުވެސް އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާކަމަށާއި، އެ ރަށުގައި ޤާއިމްވެ ތިއްބަވާ ފުލުހުންނާއި، ވިލުފުށީގެ ޢާއްމުން ގުޅިގެން ކުރެވުނު މަސައްކަތުން އަލިފާން ގަނޑު 9:30ގައި ނިންވާލެވިފައިވާ ކަމަށް ފުލުހުން މަޢުލުމާތުދެއްވައެވެ.

އަލިފާން ނިއްވާލެވުނު އިރު، ޖަގަހަ އެއްކޮށް ކަހަލަ ގޮތަކަށް އަނދާފައިވާއިރު، ޖަގަހައިގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަވެސް ފުލުހުން ވިދާޅުވެއެވެ.