ޚަބަރު

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް އީއައިއޭ ހެދުމުގައި ލުއިތަކެއް


  • އެޕްލިކޭޝަން ހުށަހެޅުމުން އެއާމެދު ގޮތެއް ނިންމުމުގައި ހޭދަވާ މުއްދަތު ކުޑަވާނެ

  • އިދާރީ ކުދިކުދި މައްސަލަތަކުގެ ސަބަބުން މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހުމަށްވެސް ހައްލު ލިބޭނެ

އީއައިއޭ ހަދައިގެން ކުރިއަށްގެންދާ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދެވޭނެގޮތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވައިދަށްއިސްލާހު ގެނެސްފިއެވެ.

ރާއްޖޭގެ ތިމާވެށްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، ތިމާވެއްޓާއި ބެހޭ ވުޒާރާއަށް ހުށަހަޅަން ވާނެކަމަށް ޤަވައިދުގައި ބަޔާންކޮށްފައިވެ. އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހަދަންޖެހޭ ކަންކަމާއި އުސޫލު ކަނޑައަޅާނީ، ތިމާވެއްޓާ ބެހޭ ވުޒާރާއިންކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެ. ޤާނޫނާއި ޤަވައިދުތަކުގެ ދަށުން މި މަސައްކަތް ކުރަމުން އަންނަނީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ އެންވާރަމެންޓު ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންނެއެވެ.

ތިމާވެށްޓަށް ގެއްލުން ލިބޭ ނުވަތަ އަސަރުކުރާ މަސައްކަތެއްނަމަ އެ މަސައްކަތެއް ފެށުމުގެ ކުރިން ޤާނޫނުގައި ބަޔާންކުރާ އީއައިއޭ ހަދަން ޖެހެއެވެ. އެގޮތުން މި މަސައްކަތްކުރުމަށް ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން ސަރުކާރުން ފަށަން ބޭނުންވާ ތަރައްޤީގެ މަސައްކަތްތަކަށް ލަސްކަމެއް އަންނަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ތިމާވެއްޓާ ބެހޭ ވުޒާރާއިންވަނީ ސަރުކާރުން ކަނޑައަޅައި ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ގަވާއިދަށް މުހިންމު އިސްލާޙުތަކެއް ގެނެސްފައެވެ. މި އިސްލާޙުތަކަކީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް އެޅިގެން ދިޔަ ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވެ.

އެ ވުޒާރާއިން ވިދާޅުވީ މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުން ނިންމާ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމެވެ. އަލަށް ގެނެވުނު އިސްލާހުގައި އީއައިއޭ ރިޕޯޓު ހުށަހެޅުމުން އެކަމާމެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަންޖެހޭނެކަމަށާއި ޚާއްޞަ މުއްދަތެއްގެ ތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމާނަމަ، މުރާޖިޢުންގެ އުޖޫރައިގެ ގޮތުގައި 20,000 ރުފިޔާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އިސްލާޙަށް ޢަމަލުކުރެވޭނީ 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށެވެ.

މި އިސްލާޙުތަކަކީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި އިސްލާހުތަކުގެ ސަބަބުން އެޕްލިކޭޝަން ހުށަހެޅުމުން އެއާމެދު ގޮތެއް ނިންމުމުގައި ހޭދަވާ ވަގުތު މަދުވުމާއި އިދާރީ ކުދިކުދި މައްސަލަތަކުގެ ސަބަބުން މަޝްރޫޢުތައް ލަސްވުން ކުޑަވުމާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުން ހިމެނެއެވެ.

މިގެނައި އިސްލާހުތަކުގެ ސަބަބުން ސަރުކާރުން ތަރައްޤީގެ މަސްރޫއުތައް ހިނގުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަޝްރޫއުތައް އަވަހަށް ފެށުމަށް މަގުފަހިވެ، މަސައްކަތް ކުރިއަށް ގެންދިޔުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެ.