ކުޅިވަރު

ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބް ބާތިލްކޮށްފި


މިދިޔަ މާޗްމަހުގެ ސަތާރަވަނަ ދުވަހު ބޭއްވުނު ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި މަކަރުހަދާފައިވާކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނުން އެ އިންތިހާބު ބާތިލްކޮށްފިއެވެ. 

ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށްބުނެ ސްޕޯޓްސް ކޮމިޝަނުން މިހާރުވަނީ އެ އިންތިހާބު އަލުން ބާއްވަން އަންގާފައެވެ. ޕީއެސްއެމާއި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ގާނޫނާއި ހިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށްބުނެ ހުށަހެޅިފައިވާ މައްސަލަ ބެލިބެލުމުގުގައި އެފަދަ އަމަލުތަކެއް ހިނގާފައިވާތީ އެ އިންތިހާބު ބާތިލްކުރަން އެންގީކަމަށެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން 30 ދުވަހުގެތެރޭ އަލުން އިންތިހާބު ބާއްވަން މިހާރު އަންގާފައިވާނެކަމަށާއި، ކުރިން ބޭއްވުނު އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބެން ނުޖެހޭ ފަސް ކްލަބަކަށް އެފުރުސަތު ލިބިފައިވާކަމަށްވެސް ނަޝީދު ފާހަކުރެއްވިއެވެ.

"އިންތިޚާބުގައި ގާނޫނާއި ގަވާއިދާ ޚީލާފު ކަންތައްތަކެއް ހިނގާފައިވާތީ އިންތިޚާބު ބާތިލްކުރީ، ވޯޓުލުމުގެ ހައްގު ލިބެން ނުޖެހޭ ފަސް ކްލަބަކުން އެބައިން ވޯޓްލާފައިވެސް، އެހެންވެސް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވަން އަންގާފައި މިވަނީ" ނަޝީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14706582068286.jpg|ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނާޝިދު / އިންތިޚާބު ބާތިލުކުރީ މައްސަލަތަކެއް ހުރެގެންކަމަށް ވިދާޅުވޭ

ރާއްޖޭގެ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރުގެ ޤާނޫނުން ވަނީ ދީފައިއެވެ. 

ސްޕޯޓްސް ކޮމިޝަނުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ބާތިލްކުރުމާއި ގުޅިގެން އެ އެސޯސިއޭޝަނުން ބުނެފައިވަނީ އެސޯސިއޭޝަނުގެ އިންތިހާބު އުވާލަން ސްޕޯޓްސް ކޮމިޝަނަރު އެންގި އެންގުން ބަލައިނުގަންނާނެ ކަމަށާއި، ގާނޫނީ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ބެލެނެވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށްވުމާއިއެކު ކޮމިޝަނާރ އޮފް ސްޕޯޓްސް އިން އެސޯސިއޭޝަނަށް ފޮނުވާފައިވާ ސިޓީ އަށް އެސޯސިއޭޝަނުން އަމަލުނުކުރާނެ ކަމަށެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ބާތިލްކުރުމަށްއެދި އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފައެވެ. 

img:http://s3.psmnews.mv/images/660x400/14574277097263.jpg|ކޯޓަށް މައްސަލަ ހުށަހެޅުއްވި ކުރީގެ މެމްބަރު މުހައްމަދު ނަޝީދު

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓުން ބަލަމުން އަންނަ ކަމަށާއި، ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ. "ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރާނަން، އެއީ ގާނޫނީ ގޮތުން މި އެސޯސިއޭޝަންގެ ބެލެނެވެރި ފަރާތަކީ ހޯމް މިނިސްޓްރީ" ރިޔާޒް ވިދާޅުވިއެވެ. އިއްޔެ ސްޕޯޓްސް ކޮމިޝަނަރަށް ވޮލީބޯޅާ އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރު ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރުގެ ގާނޫނުން ދީފައިވީ ނަމަވެސް، ކޮމިޝަނަރުގެ ބެލުމުގެ ދަށަށް އެސޯސިއޭޝަންތައް ދާނީ އެކަމަށް ގަވާއިދުތަކެއް ހެދުމުންކަމަށާއި، މިހާރު އެ އެސޯސިއޭޝަނުން ޖަވާބުދާރީވާންޖެހޭނީ ހަމައެކަނި އެ އެސޯސިއޭޝަންގެ ބެލެނެވެރިފަރާތް ކަމުގައިވާ ސްޕޯޓްސް ކައުންސިލާއި ހޯމް މިނިސްޓްރީއަށްކަމަށެވެ.