ތަރައްްޤީ

ހދ.ކުޅުދުއްފުށީގައި ލޯކަލް މާރކެޓެއް ޢިމާރާތްކުރަނީ


ހދ.ކުޅުދުއްފުށީގައި ލޯކަލް މާރކެޓެއް ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. ކުޅުދުއްފުށީގައި ލޯކަލް މާރކެޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ މި މަޝްރޫޢު ކާމިޔާބުކަމާއެކު، ކުރިޔަށް ގެންގޮސް، ކުޅުދުއްފުއްޓާއި، އެސަރަޙައްދުގެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބުމަކީ މިނިސްޓްރީގެ އުންމީދު ކަމުގައެވެ.

"މިނިސްޓްރީގެ ދައުރަކީ މި ޕްރޮޖެކްޓް ކައުންސިލުން ބޭނުންފުޅުވާ ގޮތަށް ހިންގައިދިނުމަށްޓަކައި މެދުވެރިއެއްގެ ދަޢުރު އަދާކުރުން. ހަޤީގަތުގައި މި މަޝްރޫޢުއަކީ ދަޢުލަތުގެ އެހީތެރިކަމާއެކު ޕީއެސްއައިޕީގެ ތެރެއިން ކުޅުދުއްފުށީ ކައުންސިލުން ބޭނުންވާ ގޮތަށް ހިންގުމަށް އެކުލަވާލެވިފައިވާ މަޝްރޫޢެއް" މޫސާ ފަތުޙީ އާދަމް ވިދާޅުވިއެވެ.

ރޭވިފައިވާ ގޮތަށް މި މަޝްރޫޢު ކުރިޔަށްދާނަމަ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14705581041695.jpg|ކުޅުދުއްފުށީގައި ލޯކަލް މާރކެޓެއް ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން - ފޮޓޯ: ޕީއެސްއެމް

މި މަޝްރޫޢުއަށް 3.9 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކުޅުދުއްފުށީގައި ލޯކަލް މާރކެޓް އެޅުމަށްޓަކައި މިހާރު ބިން ކަނޑައަޅާފައިވާ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބުދުލް ޣަފޫރުއެވެ. އެސް.ޖޭ. ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ.