ރިޕޯޓް

"ޔޫތު ޗެލެންޖް 2016" އަށް 8،000 ވުރެ ގިނަ ޒުވާނުން ޒިޔާރަތްކޮށްފި


"ޔޫތު ޗެލެންޖް 2016" އަށް 8،000 ވުރެ ގިނަ ޒުވާނުން ޒިޔާރަތްކޮށްފައިވާކަމަށާއި، މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އަދި އެންމެ ގިނަ ޒުވާނުންގެ ތަރުޙީބު ލިބިގެންދިޔަ ޔޫތް ޗެލެންޖްކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް މަތީ ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދެއްވުމަށް ޔޫތު މިނިސްޓްރީން އިސްނަންގަވައިގެން، ކުރިއަށްގެންދެވި "ޔޫތު ޗެލެންޖް 2016" ގައި ސަރުކާރުގެ މުއައްސަސާތަކާއި، ވުޒާރާތަކާއި، ވިޔަފާރި ކުންފުނިތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14705163501449.jpg|"ޔޫތު ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"ދަ އޮޕޮޗުނިޓީ ޕޫލް" މި ޝިއާރުގެ ދަށުން މިމަހުގެ ހަތަރަކުން، ހަޔަކަށް ދަރުބާރުގޭގައި ކުރިއަށްގެންދިޔަ މި ފެއަރގައި ޖުމްލަ 65 ސްޓޯލެއް ބައިވެރިކޮށްފައިވެއެވެ. މި ސްޓޯލްތަކުން، ޒުވާނުންނަށް ހުރި ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތަކާއި، އިންޓާންޝިޕްތަކާއި، އެޕްރެންޓިސް ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު ދީފައިވެއެވެ.

މި ފެއަރއިން ފޯރުކޮށްދެވުނު ވަޒީފާގެ ފުރުޞަތުތަކާއި، މަޢުލޫމާތުގެ ބޭނުން ގިނަ ޢަދަދެއްގެ ޒުވާނުން ހެޔޮގޮތުގައި ހިފާފައިވާކަން ޔޫތު މިނިސްޓްރީން ފާހަގަކުރައްވައެވެ. އެގޮތުން މި އަހަރުގެ ޔޫތް ޗެލެންޖަށް 8،232 ޒުވާނުން ޒިޔާރާތްކޮށްފައިވާއިރު، އޭގެ ތެރެއިން 1،500 ފަރާތަކުން ވަޒީފާގެ ފުރުޞަތުތަކަށް އެޕްލިކޭޝަން ފޯމް ހުށައަޅާފައިވެއެވެ. އަދި 827 ޒުވާނަކު ތަޢުލީމީ ފުރުޞަތުތަކަށް އެޕްލިކޭޝަން ހުށައަޅާފައިވާއިރު، 285 ފަރާތަކުން އެކި ކަހަލަ އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14705163652263.jpg|"ޔޫތު ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ އަޙުމަދު ވިދާޅުވީ، މިފެއަރއިން ޒުވާނުންނަށް ފަހިކޮށްދެވުނު ވަޒީފާގެ ފުރުޞަތުތަކާއި، އެހެނިހެން ފުރުޞަތުތައްވެސް އެފަރާތްތަކަށް ލިބުނުކަން އެ މިނިސްޓްރީން ކަށަވަރު ކުރައްވާނެ ކަމަށެވެ.

"މި ފެއަރގެ ތެރެއިން އެކިކަހަލަ ފުރުޞަތުތައް ލިބުނު ޒުވާނުންނަށް އެކުންފުނިތަކުން ގުޅާ، އެކުދިންނަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ. ހަމައެއާއެކު ޔޫތު މިނިސްޓްރީން އެތަންތަނަށް ގުޅާ އެކުދިންނަށް ވަޒީފާ ލިބުނުތޯ ޔަޤީންކޮށް، އެކަންކަމުގެ ފޮލޯއަޕް ހައްދަވަމުންދާނެ" ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ޔޫތު ޗެލެންޖް 2016 ވެފައިވަނީ ފާއިތުވި 3 އަހަރުގެ ތެރޭގައިވެސް މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފެއަރއަށެވެ. އެގޮތުން 35 ސްޓޯލާއެކު 2014 ވަނަ އަހަރު ބޭއްވި ފެއަރއަށް 2،765 ޒުވާނުން ޒިޔާރާތްކޮށްފައިވާއިރު، 2015 ވަނަ އަހަރު 36 ސްޓޯލާއެކު ބޭއްވި ފެއަރއަށް 1،935 ޒުވާނުން ޒިޔާރާތް ކޮށްފައިވެއެވެ. އެހެންނަމަވެސް މިއަހަރުގެ ފެއަރގައި ބައިވެރިކުރި ސްޓޯލްތަކާއި، ފެއަރއަށް ޒިޔާރާތް ކުރި ޒުވާނުންގެ ޢަދަދު އެތަށް ގުނައެއް އިތުރުވެފައިވާކަން ޔޫތު މިނިސްޓްރީން ފާހަގަކުރައްވައެވެ.

img:http://s2.psmnews.mv/images/660x400/14705163837693.jpg|"ޔޫތު ޗެލެންޖް 2016"ގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"ފާއިތުވި އަހަރުތަކުގައި ގާތްގަނޑަކަށް ފެއަރއަށް ޒިޔާރާތްކޮށްފައިވަނީ އެއްހާސް ނުވަ ސަތޭކައާއި ދެހާހާއި ކައިރިކުރާ އަދަދެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއަހަރަކީ މިފެއަރއަށް ހަމަ އާދަޔާ ޚިލާފު ތަރުޙީބެއް ލިބިގެންދިޔަ ފަހަރެއް" ޢަލީ ޒަކީ ވިދާޅުވިއެވެ.

ޔޫތު ޗެލެންޖަކީ 1999 ވަނަ އަހަރުން ފެށިގެން ބާއްވަވަމުން އަންނަ ފެއަރއެކެވެ. އަދި މި ފެއަރއަަށް ގިނަ ޢަދަދެއްގެ ޒުވާނުންގެ ތަރުޙީބު ލިބެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.