މުނިފޫހިފިލުވުން

މޯލްޑިވްސް ފިލްމް އެވޯޑްސް 2016 އިފްތިތާހްކޮށްފި


މޯލްޑިވްސް ފިލްމް އެވޯޑްސް 2016 އިފްތިތާހްކޮށްފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއާއި ހަވާލުކޮށްގެން އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 4 ވަނަ ފިލްމް އެވޯޑް ރަސްމީކޮށް މިރޭ އިފްތިތާހްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އިބްރާހީމް ޢުމަރުމަނިކެވެ.

ދިވެހި ފިލްމީ ސިނާއަތުގެ ފަންނުވެރިން ކުރަމުންދާ ބުރަ މަސަކަތުގެ އަގުވަޒަންކޮށް، އެރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް ހިތްވަރު ދިނުމުގެ މަޤުޞަދުގައި ދެމުން އަންނަ މޯލްޑިވްސް ފިލްމު އެވޯޑްސް ދޭ މީ 4 ވަނަ ފަހަރެވެ.

މިފަހަރުދޭ އެވޯޑްތަކުގެ ތެރޭގައި، އެމް.އެފް.އޭ ޓެލެވިޒަން އެވޯޑްސް، ބެލުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ފިލްމަށްދޭ ސިލްވަރ އެވޯޑް، އާންމުކެޓަގަރީތަކަށްދޭ ގޯލްޑަން އެވޯޑްސްއާއި އެންމެ މޮޅު ފިލްމާއި، އެންމެ މޮޅު ޑައިރެކްޓަރަށް ދެވޭ ޑައިމަންޑް އެވޯޑް އަދި ފިލްމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށްދޭ އެވޯޑް ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ފިލްމް އެވޯޑް އިފްތިތާޙްކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑް އިފްތިތާޚްކޮށްދެވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، މިއަހަރުގެ ފިލްމް އެވޯޑް ހަފްލާ ވަރަށް ފުރިހަމަ އަދި ކާމިޔާބު ހަފްލާއަކަށް ހެދުމުގެ މަސަކަތް ކުންފުނީގެ ކަމާގުޅުންހުރި ތަޖުރިބާކާރުން ކުރާނެކަމަށެވެ. އަދި މިއަހަރުގެ އެވޯޑް ހަފްލާ ވަރަށް ފެންވަރު ރަނގަޅުކޮށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކް ވިދާޅުވިއެވެ.

މީގެ އިތުރުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސޮނީ އާއި ގުޅިގެން ކޯސްތަކެއް ކުރިއަށް އޮތްތަނުގައި ފެށިގެންދާނެކަން ފާހަގަކުރައްވައި، އެދާއިރާގެ ފަރާތްތަކަށް އިބްރާހިމް އުމަރު މަނިކް ވަނީ އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14705114659965.jpg|ފިލްމު އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުﷲ -މޯލްޑިވްސް ފިލްމް އެވޯޑްސް 2016 އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން- ފޮޓޯ: ޕިއެސްއެމް

ފިލްމު އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުﷲ ވިދާޅުވީ، މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފިލްމް އެވޯޑް ހަފްލާ ބޭއްވިގެންދާނެކަމަށާއި، މިފަހަރު އެންމު އުފާވަނީ އަދި ފަޚުރުވެރިވަނީ ޕަބްލިކް ސަރވިސް މީޑިއާއާއި ގުޅިގެން އެވޯޑް ދިނުން ކުރިއަށްގެންދެވޭތީކަމަށެވެ. އޭނާ ވިދާޅުވީ، މި ފަހަރުގެ ފިލްމު އެވޯޑްވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު އެވޯޑް ހަފްލާއަށްކަމަށެވެ.

ފިލްމް އެސޯސިއޭޝަނާއި، ފިލްމީދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި މި ހަފްލާއަށްފަހު ބައެއް ފިލްމީ ތަރިން ވަނީ މިއަހަރުގެ ފިލްމު އެވޯޑް ޕީ.އެސް.އެމްއާ ގުޅިގެން ބާއްވާތީ އެކަމާއުފާފާޅުކޮށްފައެވެ.

ހަތަރު ވަނަ ފިލްމު އެވޯޑުގެ ތައްޔާރީތަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާއި، ޕީ.އެސް.އެމްގެ ޗެނަލްތަކުން މިހާރުގެންދަނީ ކުރަމުންނެވެ.