ވިޔަފާރި

ގިނަ އަދަދެއްގެ ފައިސާ ހިއްސާދާރުން ނުނަގާ އެބަހުރި- އެމްޓީޑީސީ


ފައިދާގެ ގޮތުގައި ހިއްސާ ދާރުންނަށް ބަހަން ހުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ހިއްސާދާރުން ނުނަގާ އެބަހުރިކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.

އެމްޓީޑީސީން ބުނީ، އެ ކުންފުނި ވުޖޫދަށް އައިފަހުން ހިއްސާދާރުންނަށް ފައިދާ ބަހަން ނިންމާފައިވަނީ ދެ ފަހަރު ކަމަށާއި އެދެފަހަރުވެސް ބަހަން ނިންމި ގިނަ އަދަދެއްގެ ފައިސާ ހިއްސާދާރުން ނަގާފައި ނުވާކަމުގައެވެ. އަދި ހިއްސާދާރުންނަށް ދޭންޖެހޭ ފައިސާއެއް ހިފެހެއްޓުމުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅޭކަމުގައި އެމްޓީޑީސީން މަޢުލޫމާތުދެއެވެ. ނަމަވެސް 2012 ވަނަ އަހަރު ހެރެތެރެ ވިއްކާލުމުގެ ކުރިން ކުންފުނީގެ މާލީ ހާލަތު ދަށްވެ ދިމާވި ބައެއް މައްސަލަތަކާއި ގުޅިގެން އެއަހަރު ފައިދާ ބެހުން މަޑު ޖައްސާލިކަމަށްވެސް އެމްޓީޑީސީން މަޢުލޫމާތުދެއެވެ.

2012 ވަނަ ހިއްސާދާރުންނަށް ލިބެންޖެހޭ ފައިދާ ބެހުން މަޑު ޖައްސާލީ ތިންމަސްދުވަހުގެ މުއްދަތަކަށްކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އަދި އެއަށް ފަހު 2013 ވަނަ އަހަރު އެމްޓީޑީސީގެ މާލީ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން ހިއްސާ ދާރުންނަށް ހިއްސާ ބަހަން ފަށާފައިވާކަމަށްވެސް އެމްޓީޑީސީން މަޢުލޫމާތުދެއެވެ.

އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަން ނިންމި ދެއަހަރުގެ ފައިދާ ބަލާ ވަރަށް ގިނަ ބަޔަކު ނާންނަކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ހިއްސާދާރުންނަށް ވިހި ހާހާއި ތިރީސް ހާހާ ދެމެދުގެ އަދަދަކަށް ފައިސާ ދޫކުރަމުންދާކަމަށް އެމްޓީޑީސީން ބުނެއެވެ.