ޚަބަރު

އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުލްޣަނީ އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި


  • ޢަބްދުލްޣަނީ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައި

  • ޢަބްދުލްޣަނީ އައްޔަންކުރަން ފާސްވީ 62 މެންބަރުންގެ ވޯޓުން

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ ހޯމަ ދުވަހުއެވެ. ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުޞަތުގައި ތިން ބޭފުޅަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.

އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަންދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ. އަދި ރައީސުލްޖހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު އެ މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ނަން ފާސްކުރެއްވި، ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. އެ މުއްދަތުގައި އެމަނިކުފާނު ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. 2018ގެ ޖޫން އިން ފެށިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ޢަބްދުލްޣަނީ މުޙައްމަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމެވެ.