ޚަބަރު

ވަޤުފް ޢިމާރާތާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ސާފުކޮށްދެއްވައިފި


ވަޤުފް ފަންޑަށް ފައިސާ ހޯއްދެވުމަށް މާލޭގައި އިސްލާމިކް މިނިސްޓްރީން ޢިމާރާތްކުރެއްވި ދާރުލްއީމާން ބިލްޑިންގުން ފިނޭންސް މިނިސްޓްރީއަށް ކުއްޔަށް ދެއްވަން ކުރިން ނިންމެވި 3 ފަންގިފިލާގެ ބަދަލުގައި އެހެން 3 ފަންގިފިލައެއް ދެއްވަން އިސްލާމިކް މިނިސްޓްރީން ނިންމެވީ އެ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަޤުފް ޢިމާރާތުން ފިނޭންސް މިނިސްޓްރީއަށް ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވި އެ ޢިމާރާތުގެ އެންމެ މަތީގައި ހުންނަ 3 ފަންގިފިލާ ދެއްވުމަށް، އިސްލާމިކް މިނިސްޓްރީން ދެކޮޅުހެއްދެވިކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ޙަވާލައިދީ އިއްޔެ މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި މިކަން ވެފައިވާ ގޮތް ވަނީ ސާފުކޮށްދެއްވާފައެވެ.

އަދި އިސްލާމިކް މިނިސްޓްރީންވެސް މިކަން ވަނީ މިއަދު ސާފުކޮށްދެއްވާފައެވެ. އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙަމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ މިކަން ހަމަޖެހިގެން ދިޔައީ ދެމިނިސްޓްރީން މަޝްވަރާކުރެވި އެ މަޝްވަރާގެ މަތިންކަމަށެވެ.

ވަޤުފް ޢިމާރާތަށް ބަދަލުކުރުމަށް ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އޮފީސްކަމަށް އެމިނިސްޓްރީން ނެރުއްވި ބަޔާނުގައިވެއެވެ. އަދި ވަގުފު ޢިމާރާތަށް ބަދަލުވުން ލަސްވަމުންދާތީ ދައުލަތުގެ 25 ބުރީގެ އޮފީސް ޢިމާރާތުގެ މަސައްކަތް ލަސްވަމުންދާކަމަށް މީޑިއާގައި ފާހަގަކުރައްވާފައި ވީނަމަވެސް މި ބަދަލުގެ ސަބަބުން އެ ޢިމާރާތުގެ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ވަގުފު އިމާރާތް "ދާރުލް އީމާން" އަޅާފައި ވަނީ މަޖީދީ މަގުގައި، މާފަންނު މަދަރުސާއާއި، އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީސް މިހާރު ހިންގާ މ. ރައިވެރިގެއާ ދެމެދު އޮންނަ ބިމުގައެވެ. މިމަހުގެ މެދުތެރޭގައި މި އިމާރާތް ބޭނުންކުރަން ފަށްޓާވާނެކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވިއެވެ. 

ވަގުފު އިމާރާތުގެ ފަންގިފިލާތަކަށް ކުށްޔަށް ދެއްވުމަށް ހަމަޖައްސާފައިވަނީ ދައުލަތުގެ އިދާރަތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށްވެސް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބައެއް ބައިތައް މިހާރު ހުރިތަނުން ވަޤުފް ބިލްޑިންގަށް ބަދަލުކުރެއްވުމުގެ މަސައްކަތް މިކުރައްވަނީ ފިނޭންސް މިނިސްޓްރީގެ ބޭނުމަށް މިހާރު އެ މިނިސްޓްރީ ހިގަމުން އަންނަ ކޮށީގައި 25 ބުރީގެ ޢިމާރާތެއް އެޅުމަށްވުމަށް ބިން ހުސްކުރެއްވުމުގެ ބޭނުމުގައެވެ.