ޚަބަރު

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއްކުރާނެ: ރައީސް


  • އެއްބަސްވުންތައް އަވަހަށް ތަންފީޒުވުމަކީ އުއްމީދެއްކަމަށް ވިދާޅުވި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތަކަށް ހާއްސަކޮށްގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތަކަށްފަހު އިންޑިއާގެ މީޑިއާތަކުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިންޑިއާގެ މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުންތައް ވަރަށް އަވަހަށް ތަންފީޒުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެތެރެއިން އިންޑިއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅޭ މަޝްވަރާތައް ފެށިފައިވާއިރު، އޭގެ ސަބަބުން ރާއްޖެއަށް ފައިދާކުރާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫޕީއައި އަދި ފަވަރަ ނިޒާމު ގުޅާލުމަށް ޤާއިމްކުރެވުނު އެއްބަސްވުމަކީ ދެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރި އެއްބަސްވުމަކަށް ވެގެންދާނެކަމަށެވެ. މިގޮތުން އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށާއި، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އޭގެ ފައިދާ ކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ކުރިއެރުންތަކެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަށްވާއިރު، ބޮޑުވަޒީރުގެ މިދަތުރުފުޅާއި ގުޅިގެން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރު ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުވަޒީރު މޯދީއަކީ އަވަށްޓެރި ޤައުމުތަކާއި ބަދަހި ގުޅުމެއް ބޭއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި ބޮޑުވަޒީރުގެ އިސްނެންގެވުމާއެކު އިންޑިއާއި ރާއްޖޭގެ ގުޅުމަށް އޮތީ ފާގަތި މުސްތަޤުބަލެއް ކަމަށާއި އިންޑިއާއިން ރާއްޖޭގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.

އިންޑިއާގެ ބޮޑުވަޒިރު ނަރެންދްރު މޯދީ ރާއްޖެއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުުގެ ތެރެއިން ރާއްޖެއާއި އިންޑިއާ ދެމެދު 8 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.