ދިވެހިންނަކީ އަބަދުވެސް މިނިވަން މުސްތަޤިއްލު ބައެއްކަމާއި، ބޭރު ދުނިޔެއާ އަބަދުވެސް ގުޅިފައި ތިބި ބައެއްކަން ދިވެހި ތާރީޙުން ހެކިދެއެވެ. އަޅުގަނޑުމެންގެ ދިގު ތާރީޚަށް ބަލާއިރު، މި ރަށްތަކުގައި ދިވެހިންގެ ގޮތުގައި ބަޔަކު އުޅޭތާ 4000 އަހަރު ވެދާނެ ކަމަށް ބެލެވެއެވެ. އޭރުން ފެށިގެންވެސް ދިވެހިންނަކީ ޤައުމުތައް ނުވަތަ ރަސްކަންތަކާއި އެކި ޒަމާނުގެ ޚަޟާރާތްތަކާއި ގުޅުންތަށް ބާއްވަމުން ވިޔަފާރި ކުރަމުން ދިޔަ ބައެއްކަން އެނގެއެވެ. އެކި ސަހަރުތަކާއި، ޤައުމުތަކާއި ސަރަހައްދުތަކުގެ ރަސްކަންތަކާއި އައީ ގުޅުންތައް ބާއްވަމުންކަން ހެކިދެނީ އަޅުގަނޑުމެންގެ އަމިއްލަ ތާރީޚުން ނޫނެވެ. އޭގެ ހެއްކަކީ ރޫމީންގެ ތަރީޙް ލިޔުއްވާފައިވާ އަމިއާނުސް މާސެލިނިއަސް 22 ވަނަ ފޮތުގައި، ރޫމީންގެ އޭރުގެ އަމްބަރާތޫރު ޖޫލިއަންގެ އަރިހަށް ދިވެހިން ވަފުދެއް ފޮނުވިކަން ލިޔެފައި އޮތުމެވެ. އެއީ މީގެ 1660 އެއްހައި އަހަރު ކުރިންނެވެ. މީގެއިތުރުން ޗައިނާގެ ޓޭންގު ދަރިކޮޅުގެ ރަސްރަސްކަލުންގެ ދަރުބާރަށް މީގެ 1400 އެއްހައި އަހަރު ކުރިން ދިވެހިން ވެދުމާއި ދިޔަކަން އެ ދަރިކޮޅުގެ ތަރީޙީ ލިއުންތަކުގައި އޮވެއެވެ.
މިހުރިހާ ކަމަކުންވެސް ބޭރު ޤައުމުތަކާއި ގުޅުންތައް ބާއްވައި ދެމެހެއްޓިކަން އެނގެއެވެ. އެ ސަރަހައްދުތަކަށް ދިވެހި ދަތުރުކުރަން ފެށުމަށް މެދުވެރިވީ ދިވެހިރާއްޖެ އޮތް ސަރަހައްދުގެ ގޮތުންނެވެ. ކަނޑުދަތުރުފަތުރަށް ބަރޯސާވާން އިންސާނުން ފެށިފަހުން، އިރުމައްޗާއި ހުޅަނގު ގުޅުވާލާ ކަނޑުގެ މަގު، މަޝްޙޫރު ސްޕައިސް ރޫޓުގެ މެދުގައި އޮތީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއެވެ. އެހެން ކަމުން މި ދޭތެރޭ ދަތުރުކުރާ ހުރިހާ އެންމެވެސް ދިވެހިން ދަނެއެވެ. އަދި މިއީ މިނިވަން ވަކި ބައެއްގެ ގޮތުގައި އެ މީހުން ޤަބޫލުކުރެއެވެ.
ފަހުގެ ތަރީޚަށް ބަލާއިރު، އިނގިރޭސީންގެ ހިމާޔަތުން ނިކުމެ، މިނިވަން މުސްތަޤިއްލު އަމިއްލަ ސިޔާދަތީ ބާރުލިފައިވާ ޤައުމަކަށްވި ހިސާބުން ފެށިގެން ދިވެހިން ވަނީ ޚާރިޖީ ޤައުމެއްގެ ގޮތުގައި ޚާރިޖީ ގުޅުންތައް ޤާއިމްކުރަން ފަށާފައެވެ. އެގޮތުން 26 ޖުލައި 1965 ވަނަ އަހަރު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ގާތްގަނޑަކަށް 57 ދުވަސް ތެރޭ ދިވެހިން ތިބީ ދުނިޔޭގެ ޤައުމުތައް އެކުވެގެން އުފެއްދި ޖަމިއްޔާގެ މެންބަރުކަން ހޯދައިގެންނެވެ. ދިވެހިރާއްޖެއަކީ އދ މެންބަރުކަށް ވުމަށް އެންމެ ފުރަތަމަ ހުށަހެޅި މައިކްރޯސްޓޭޓް ނުވަތަ އެންމެ ކުޑަ އެއް ޤައުމެވެ. ދިވެހިރާއްޖެ ވެގެން ދިޔައީ އދ. 117 ވަނަ މެންބަރު ޤައުމަށެވެ.
އިނގިރޭސީން ހިމާޔަތުން ރާއްޖެ ވަކިވުމާއެކު ޤައުމުތައް ވަގުތުން ދިވެހިރާއްޖެ ބަލައިގަންނަން ފެށިއެވެ. އޭރު 1965 ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަނެ، ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ތެރޭގައި ސަރަހައްދީ އެކުވެރި އިންޑިއާ، ޕާކިސްތާނު އަދި ލަންކާ ހިމެނޭއެވެ. އެއްބަސްވުމުގައި ސޮއިކޮށް އިނގިރޭސިންވެސް ގުޅުން ޤާއިމްކުރިއިރު، އޭގެ އިތުރަށް އެމެރިކާ އަދި މިސްރުން ގުޅުން ޤާއިމްކުރިއެވެ. އޭގެ ފަހުން ފިނި ހަނގުރާމައިގެ ތެރޭގައި ދިވެހިން މިނިވަންކަން އިސްކޮށް އޭރު ވަކިކޮޅަކަށް ބުރަނުވާ ޤައުމުތަކުގެ އިއްތިހާދު ނޮން އެލައިންޑް މޫވްމެންޓުގައި ބައިވެރިވިއެވެ. ދިވެހިން އަމިއްލަ ބޯޑަރުތައް ކަނޑައަޅާ އަވަށްޓެރި ޤައުމުތަކާއި އެކު އެއްބަސްވުންތައް ވަނީ ހަދާފައެވެ. އެހެން ކަމުން އެކުލަވާލެވިފައިވާ ބައިނައަޤްވާމީ ނިޒާމުތަކަށް އިޙްތިރާމްކުރާ ބައެއްގެ ގޮތުގައި ދިވެހި ވަނީ ވެފައެވެ.
އެކި ޤައުމުތަކާއި ގުޅުންތައް ޤާއިމްކޮށް މިއަދު 186 ޤައުމަކާއެކު މިއަދާއި ހަމައަށް ވަނީ ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކާއި، އެކި ޖަމީއްޔާ ޖަމާޢާތްތަކުގައި ދިވެހިރާއްޖެ ދަނީ ބައިވެރިވަމުންނެވެ. މިއިން ކޮންމެ ޖަމަޢާތެއްގައިވެސް ދިވެހިންނަށް ބައިވެރިވާން ފުރުސަތު ލިބެމުންދަނީ ކުރިން ދެންނެވުނު މިނިވަންކަމުގެ ސަބަބުން ކަމީ ފެންނަން އޮތް ހަޤީޤަތެވެ.
އެހެންވުމާއެކު މިނިވަން ދައުތަލެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް ދިވެހިން އަބަދުވެސް އެދޭކަން އެނގެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާވެސް އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ މިއީ އެވެ. އެމަނިކުފާނުވަނީ ދިވެހިންނަށް ފަހިވާގޮތަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކާއިވެސް ގާތްގުޅުމެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. މިނިވަންކަމުގެ ރަތްރޮނގު ފަލަކޮށް ދަންމަވާ އެ ރޮނގަށް އިޙްތިރާމްކުރާ ކޮންމެ ޤައުމަކާއެކުވެސް ދިވެހިން ތިބީ ދަތުރުކުރަން ތައްޔާރަށެވެ.