ޓުއަރިޒަމް

ގެސްޓްހައުސް ކޮންފަރެންސަށް މިހާތަނަށް 14 ޕާޓްނަރެއް ލިބިއްޖެ


"ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް" ބޭއްވުމަށް މިހާތަނަށް 14 ޕާޓްނަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށް މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ. އެގޮތުން މިއަދު ވަނީ މޯލްޑިވްގޭސްއާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 

މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ، ޑރ ޙުސައިން ސަނީ ޢުމަރު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މަޤްޞަދަކީ މިދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަށް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުން ކަމަށެވެ. އަދި މިކޮންފަރެންސްގައި ގެސްޓްހައުސް އިންޑަސްޓްރީ އިތުރަށް ކުރިއެރެވުމަށް ދާއިރާގެ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮމޯޓްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި މި ކޮންފަރެންސްގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ސަތޭކަ ފަންސާސް ފަރާތަކާއި، ބައިނަލްއަޤްވާމީ އެޖެންޓުން ބައިވެރިވާނެކަމަށް ސަނީ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14676359721658.jpg|ގެސްޓް ހައުސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސެވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"މި ކޮންފަރެންސްގެ ބޭނުމަކީ އެކިއެކި ދިމާލުގައި ތިބި ގެސްޓް ހައުސް އޯނަރުން އެއް ޕްލެޓްފޯމަކަށް ގެނަސް އިންޓަނޭޝަނަލް އެޖެންޓުންނާއި ލޯކަލް ސަފްލަޔަރުނާއި ހުރިހާ ބިޒްނަސްތަކެއް އެއްތަނަކުން ބައްދަލުކޮށްލެވޭގޮތް ހެދުން. ދެން އަޅުގަނޑުމެން މި ގެންނަނީ 150 ގެސްޓް ހައުސް އޯނާރސް. އަދި ގެނެސް ލޯކަލް ބިޒްނަސްތަކަށް މި ބޭފުޅުންނާއި ޕްރެޒެންޓޭޝަންއާއި ނެޓްވޯކިން ސެޝަންއެއް ބޭއްވޭނެ. ދެން މީގަ އެބައުޅޭ އިންޓަނޭޝަނަލް ޕާރޓްނާސްއާއި ލޯކަލް ޕާރޓްނާސް. ދެން މި ބަލަނީ 2020 އަންނަންވާއިރަށް ރާއްޖެއަށް ފަސްލައްކަ ޓޫރިސްޓުން ގެނައުމަށް ޓާގެޓް ކުރުން." ސަނީ ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތަކުން ޙަރަކާތްތެރިވާނެކަމަށް މޯލްޑިވްސް ގެޓްއަވޭސް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ.