ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފޮއްދުއަށް ވަޑައިގަންނަވައިފި


  • މިއީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 9 ވަނަ ރަށް

  • ފޮއްދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ފޮއްދޫއަށް ވަޑައިގަންނަވައިފިއެވެ. މިއީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 9ވަނަ ރަށެވެ.

ފޮއްދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް މަރުޙާބާ ދަންނަވާފައެވެ.

ފޮއްދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ފޮއްދޫގެ ހެލްތް ސެންޓަރުގެ ބިންގާ އެޅުމާއި، ފޮއްދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ފޮއްދޫގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުންވެސް އޮންނާނެއެވެ.

މީގެއިތުރުން ފޮއްދޫ ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުން އޮންނާނެއެވެ.

ރައީސް ނ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅަކީ މިމަހުގެ 21ވަނަ ދުވަހު ފެއްޓެވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.