ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގައި، ކަކުލުހުޅު ބަދަލުކުރުމުގެ ކާމިޔާބު 11 ސަރޖަރީއެއް


  • 9 މީހެއްގެ 11 އޮޕަރޭޝަން ކުރިޔަށް ގެންދެވިފައިވޭ

  • 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ 2 ކަކުލުގެ ހުޅު ބަދަލުކޮށްފައިވޭ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު 11 ސަރޖަރީއެއް ކޮށްފިއެވެ. މިއީ އެ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޭމްޕެއް ތެރެއިން ކޮށްފައިވާ ސަރޖަރީއެކެވެ.

މި މަހުގެ 16 ން 19 އަށް ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީ.ކޭ.އާރު) ނަމުގައި ގެންދެވުނު މި ކޭމްޕުގައި ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަން ކުރިޔަށް ގެންދެވިފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިގޮތުން 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ 2 ކަކުލުގެ ހުޅު ބަދަލުކުރެވިފައިވާކަަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. މި ކޭމްޕުގައި ލީޑް ޑަކްޓަރެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމެންޓްގެ ހެޑް، ކަށީގެ ހާއްސަ ޑަކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝަކޫރު ހަރަކާތްތެރިވި އިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑަކްޓަރުން އަދި ނަރުހުން ވަނީ މި އޮޕަރޭޝަންތައް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އަމާޒަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް ރައްޔިތުންނަށް ސިއްޙީ ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުންކަމަށެވެ އަދި މި މަސައްކަތުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަދި ޞިއްޙީ ވަޒީރު އަދި ވުޒާރާއިން ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވާކަމަށާއި އަދި މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ހޮސްޕިޓަލަށް އާ އިމާރާތެއް ނުހަނު ބޭނުންވާކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.