ޓުއަރިޒަމް

އޮސްޓްރޭލިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން


އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލުކަން އިތުރުވަމުން އަންނަކަމަށް އެޤައުމުގެ ޓުއަރ އޮޕަރޭޓަރުން ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފަތުރުވެރިން ޤައުމުން ބޭރުގައި ޗުއްޓީ ހޭދަކުރާ މިންވަރު އިތުރުވެފައިވާއިރު، އެ ޤައުމުން ރާއްޖެ އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ކްލަބް މެޑް އޮސްޓްރޭލިއާއިން ހާމަކުރާގޮތުގައި، ރާއްޖެއަށް އަންނަން ރިޒަވޭޝަން ހަދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދެއެވެ. ކްލަބް މެޑުން ރާއްޖޭގައި އަންނަނީ ދެ ރިސޯޓް ހިންގަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ނުވަހާސް ފައްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، އެކާވީސް އިންސައްތަ އިތުރު ޢަދަދެކެވެ.