މޯލްޑިވްސް ރިސޯޓް ވޮލީބޯލް ލީގުގެ ނޯތް މާލޭ ލީގު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ފައްޓަވައިދެއްވައިފިއެވެ.
މިއަދު ހަވީރު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެޗު ބައްލަވާލައްވާފައެވެ. ނައިބު ރައީސްގެ އަރިހުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ވޯލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ލަތީފް އާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޝަފީ ބައިވެރިވެވަޑައިގެންނެވިއެވެ.
ނޯތު މާލެ ލީގުގައި ފުރަތަމަކުޅުނު މެޗު ސީދާ ތިން ސެޓުން މީރު މޯލްޑިވްސް ބަލިކޮށް މެޗު ކާމިޔާބުކުރީ ރީތިރަށުންނެވެ.
މި މެޗުގެ ސެޓުތައް ރީތިރަށުން ގެންދިޔައީ 25-11، 25-17 އަދި 25-16 ންނެވެ.
ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރިސޯޓް ވޮލީބޯލް ލީގުގެ ނޯތު މާލެ ލީގުގައި ވާދަކުރަނީ ވަން އެން އޮންލީ ރީތިރަށާއި، މީރު މޯލްޑިވްސް އާއި ފޯސީޒަންސް ރިސޯޓް ކުޑަހުރާ އާއި ޝެރެޓަން މޯލްޑިވްސް ފުލްމޫން އަދި ފަރި އައިލެންޑް މޯލްޑިވްސްއެވެ.